ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް މިއަދު އެއް އަހަރު ފުރުމާ ގުޅިގެން އެމަނިކުފާނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ތަހުނިޔާ ދަންނަވައިފިއެވެ.
ރައީސް މުޢިއްޒު ރާއްޖޭގެ ވެރިކަމަށް ހޮވިވަޑައިގެންނެވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއިރުގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހާ ދެވަނަ ބުރުގައި ވާދަ ކުރައްވާ ބޮޑުތަނުން ކާމިޔާބު ހޯއްދަވައިގެންނެވެ.
އެމަނިކުފާނު ރައީސްކަމުގެ ހުވާ ކުރެއްވީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ހަވީރުގެ ވަގުތެއްގައެވެ.
ރައީސް މުޢިއްޒުގެ މި ސަރުކާރަށް އެއް އަހަރު ފުރުމާއި ގުޅިގެން ”އެކްސް“ މެދުވެރިކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވީ ދިވެހީންގެރާއްޖޭގެ ވެރިކަމަށް، ޕީ.އެން.ސީގެ ސަރުކާރަށް ރައީސް ޑރ.މުޢިއްޒުގެ ޒަޢާމަތަށް އެއް އަހަރުފުރޭ މި އުފާވެރި މުނާސަބަތުގައި އެންމެހައި ދިވެހި ރައްޔިތުންނަށާއި ދިވެހިގެ ރާއްޖޭގެ ލޮބުވެތި ޢިއްޒަތްތެރި ރައީސަށް ނުހަނު އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވާ ހެޔޮއެދުންތައް އަރިސްކުރައްވާ ކަމަށެވެެ.
”ގައުމާއި ރައްޔިތުންގެ ޙައްގުގައި ރައީސް ޑރ.މުޢިއްޒު އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތަކަށާއި ނިންމަވާ މުހިންމު ނިންމެވުންތަކަށް އައްސަރިބަހާ ސާބަސް ދަންނަވަން.“ އަބްދުއްރަހީމް ވިދާޅުވިއެވެ.
މީގެއިތުރުން ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް ވަނީ ރައީސް ޑރ.މުޢިއްޒުގެ ޒަޢާމަތަށް ފަހިކަމާ ފާގަތިކަން މިންވަރު ކުރެއްވުމަށް އެދި ދުޢާ ކޮށްފައެވެ.



