2.9 ކިލޯގެ މަސްތުވާތަކެއްޗާއިއެކު ތައިލޭންޑްގެ ވެރިރަށް ބެންކޮކުގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ތައިލޭންޑްގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ދިވެހި ފިރިހެން މީހާ ހައްޔަރުކޮށްފައިވަނީ މިހިނގާ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ.

ހައްޔަރުކޮށްފައިވާ ދިވެހި މިހާގެ އަތުން 2.9 ކިލޯގެ މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ މެފޮޑްރޯން ފެނިފައިވާ ކަމަށް ތައިލޭންޑްގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އަދި އެ ތަކެތި އޭނާ ގެނައީ ޕޯސްޓު މެދުވެރިކޮށް ގެނައި ޕްރޮޓީން ސަޕްލެމެންޓް ދަޅެއްގެ ތެރޭގައި ފޮރުވައިގެން ކަމަށް ތައިލޭންޑްގެ ފުލުހުން ވަނީ އެ ނޫސްތަކަށް މައުލޫމާތު ދީފައެވެ.

މަސްތުވާތަކެތި ފޮރުވައިގެން އެ ޕްރޮޓީން ދަޅު އޭނާ ގެނެސްފައިވަނީ އިނގިރޭސިވިލާތުން ކަމަށް މައުލޫމާތު ލިބެއެވެ.
ހައްޔަރުކޮށްފައިވާ ދިވެހި ފިރިހެން މީހާގެ ވަނަވަރު އާންމުކޮށްފައި ނުވާއިރު، މިކަމާ ގުޅިގެން ދިވެހި ފުލުހުން ވަކި އެއްޗެއް އަދި ނުބުނެއެވެ.




