ރައީސް ޑރ. މުއިއްޒު ގެ ސަރުކާރުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ވެރިކަމާއި ހަވާލުވެވަޑައިގަތް ފަހުން ގަވައިދާ ހިލާފަށް އުޅޭ 5000 ބިދޭސީން ފުރުވާލެވިފައިވާ ކަމަށް އިމިގްރޭޝަން ކޮންޓްރޯލާރ މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވެއްޖެއެވެ.
މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަމްއާން ވިދާޅުވީ މިއީ އިމިގްރޭޝަން ގެ ތާރީހުގައި ވެސް ރެކޯޑް އަދަދެއް ކަމަށާއި، މިކަމުގައި އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާ ކުރާ ކަމަށެވެ.
ގަވައިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް މީގެ ކުރީގެ ސަރުކާރު ތަކުންވެސް ބައެއް މަސައްކަތް ކޮށްފައިވީ ނަމަވެސް މާ ބޮޑު ރަނގަޅު ނަތީޖާއެއް ނެރެވިފައިވާތަނެއް ފެންނާކަށް ނެތެވެ.
ނަމަވެސް ރައީސް ޑރ. މުއިއްޒުގެ ސަރުކާރު ވެރިކަމާއި ހަވާލުވެޑައިގަތް ފަހުން، އިމިގްރޭޝަން ކޮންޓްރޯލާރ ކަމަށް ޝަމްއާން އައްޔަނު ކުރެވި، އެބޭފުޅާގެ ލީޑަރޝިޕްގެ ދަށުން ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް އަވަސް ފިޔަވަޅު ތަކެއް އަޅަން ފަށާފައިވެއެވެ.
އެގޮތުން ހޯމް މިނިސްޓްރީ އާއި އިމިގްރޭޝަން އިން ގުޅިގެން އޮޕަރޭޝަން ”ކުރަނގި“ ގެ ނަމުގައި ބޮޑު އޮޕަރޭޝަނެއް ފަށާ، ނުގަވައިދުން އުޅޭ ބިދޭސީން ހޯދާ އެފަރާތްތަކާއި ދޭތެރޭ ދަނީ ފިޔަވަޅު އަޅަމުންނެވެ. މި އޮޕަރޭޝަންގެ ދަށުން މިހާތަނަށް ކުރެވުނު މަސައްކަތް ތަކުން ނުގަވައިދުން އުޅޭ 5000 ބިދޭސީން ވަނީ އަނބުރާ ޤައުމަށް ފޮނުވާލާފައެވެ.

އިމިގްރޭޝަން ކޮންޓްރޯލާރ ޝަމްއާން މީގެ ކުރިން ވިދާޅުވީ މިހާރުވެސް ކުރިޔަށް ގެންދަމުންދާ މި އޮޕަރޭޝަން މެދުކަނޑާލާނީ ގާނޫނާ ގަވައިދާ ހިލާފަށް ރާއްޖެގައި ދިރިއުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިފާ ކަމަށާއި، އެކަމުގައި އޭނާގެ މައްޗައް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނުހިންގޭނެ ކަމަށެވެ.
ހޯމް މިނިސްޓްރީ އާއި އިމިގްރޭޝަނުން ގުޅިގެން ހިންދަމުންދާ މި އޮޕަރޭޝަންގެ ސަބަބުން ރަނގަޅު ނަތީޖާއެއް ފެންނަމުން ދާކަން މާލެ ތެރެޔަށް ބަލާލުމުންވެސް ފެންނަމުން އެބަދެއެވެ. ޤާނޫނާއި ގަވައިދާ ހިލާފަށް ބިދޭސީން މާލޭގައި ހިންގަމުންދާ އެތައް ވިޔަފާރިއެއް ބަންދުކޮށްފައިވާތަން މިހާރު ފެންނަން އެބަހުއްޓެވެ.




