ކުރިޔަށް އޮތް 2025 ވަނަ އަހަރު ވެގެންދާނީ ރައްޔިތުންނަށް ލޮލަށް ފެންނަ އަތްލެވޭ ތަރައްޤީ އަހަރަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ވެރިކަން ކުރާ ޕީއެންސީގެ ޗެއާޕާރސަން އަބްދުލްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުއިއްޒުގެ ސަރުކާރަށް އެއް އަހަރު ފުރުމާއި ގުޅިގެން ޕީއެސްއެމް އިން ގެނެސްދިން ހާއްސަ ޕްރޮގްރާމަކަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން އަބްދުލްރަހީމް ވިދާޅުވީ ވޭތުވެދިޔަ އަހަރު ތެރޭގައި ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ގިނަ ކާމިޔާބީ ތަކެއް ހާސިލްކޮށްފައިވާ ކަމަށެވެ. ނަމަވެސް ކޮންމެ ކާމިޔާބީއަކީ އަތްލެވޭ އެއްޗެއް ނޫން ކަމަށާއި، ބައެއް ކާމިޔާބީތަކަކީ ލޮލަށް ފެންނަ އެއްޗެއް ނޫން ކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ.
އެގޮތުން ރައީސް ޑރ. މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ފައިސާ ޗާޕުކުރުން ހުއްޓާލެއްވި ކަމަށާއި، އެއީ އިޤްތިސާދީ ވިސްނުމަކުން ވިސްނާއިރު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ޑރ. މުއިއްޒު ގެ ހާރިޖީ ސިޔާސަތުގެ ކާމިޔާބީތަކަށް އަލި އަޅުވާލަމުން އަބްދުލްރަހީމް ވިދާޅުވީ ރިވެތި އުސޫލުގެ ތެރެއިން ބޭރުގެ ސިފައިން ރާއްޖެއިން ފޮނުވާލެއްވި ކަމަށާއި، ހާރިޖީ ސިޔާސަތު ބައްޓަން ކުރެއްވުމުގައި ރާއްޖެ އިސްކުރައްވާ، ހުރިހާ ޤައުމަކާއިއެކުވެސް ރައީސް ގުޅުން ގާއިމުކުރެއްވި ކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ.
އަބްދުލްރަހީމް އިތުރަށް ވިދާޅުވީ ކާމިޔާބު ވެރިކަމެއް ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ވަރަށް މުހިންމު ދައުރެއް އަދާ ކުރަން ޖެހޭ ކަމަށެވެ. އަދި އެ މަޖިލީހަކީ ސަރުކާރަށް ޖެއްސުން ކުރާ މަޖިލީހަކަށް ވެއްޖެއްޔާ ސަރުކާރަށް ކަންކަން ކުރަން ވަރަށް އުނދަގޫ ވާނެ ކަމަށް އަބްދުލްރަހީމް ފާހަގަ ކުރެއްވިއެވެ.
“ މިއީ އަޅުގަނޑުމެން ވަރަށް މަސައްކަތުން ގެނައި ސަރުކާރެއް. މި ސަރުކާރު ކާމިޔާބު ސަރުކާރަކަށް ހެދުމަށްޓަކައި މަޖިލީހުގައި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް އެހީތެރިވާނެ މެމްބަރުން ތިބެން ޖެހޭ “ އަބްދުލްރަހީމް ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒުގެ ސަރުކާރަށް 1 އަހަރު ފުރުމާއި ގުޅިގެން އަބްދުލްރަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައުމާއި ރައްޔިތުންގެ ޙައްގުގައި ރައީސް ޑރ.މުޢިއްޒު އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތަކަށާއި ނިންމަވާ މުހިންމު ނިންމެވުންތަކަށް އައްސަރިބަހާ ސާބަސް ދަންނަވާ ކަމަށެވެ.



