ކާޑުގެ ޑޮލަރު ލިމިޓު 1400 އަށް އަދި ރާއްޖެއިން ބޭރަށް ފުރާ މީހުންނަށް 1000 ޑޮލަރު ބޭންކް ރޭޓްގައި، 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބޭނެ ގޮތް ހަމަޖައްސަވާ ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވައުދުވެވަޑައިގެންފިއެވެ.
ރައީސް މުޢިއްޒުގެ ވެރިކަމަށް މިއަދު އެއް އަހަރު ފުރުމުގެ ރަސްމިއްޔާތުގައި މިރޭ ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ޑޮލަރުގެ މައްސަލަ ހައްލުކުރަން މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެގޮތުން ފަތުރުވެރިންގެ ބޮލަކަށް ބޭންކަށް މާރުކުރަން ޖެހޭ ގޮތަށް އިސްލާހުކުރި ގަވާއިދާއެކު، ޑޮލަރުގެ މައްސަލައަށް ބޮޑު ހައްލެއް ލިބެގެންދާނެ ކަމަށެވެ.
އެހެންކަމުން 2026 ގެ ފުރަތަމަ ކުއާޓަރުގައި ރާއްޖެއިން ބޭރަށް ފުރާމީހުންނަށް މިހާރު ލިބޭވަރަށް ވުރެ ބޮޑު އަދަދެއްގެ ޑޮލަރު ބޭންކު ރޭޓުގައި ލިބޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
”އެ ހިސާބަށްދާއިރު އަޅުގަނޑުމެންނަށް އެބަ ފުރުސަތު ލިބޭ މި 500 ޑޮލަރުގެ ބަދަލުގައި 1000 ޑޮލަރު ބޭރަށް ފުރާއިރުގައި ގަތުމުގެ ފުރުސަތު ދޭން“ ރައީސް ވިދާޅުވިއެވެ.
މިހާރު ބޭންކް ކާޑު ލިމިޓަކީ ޑެބިޓް ކާޑަކަށް 250 ޑޮލަރު އަދި ކްރެޓިޑް ކާޑަކަށް 750 ޑޮލަރެވެ. ރާއްޖެއިން ބޭރަށް ފުރަންދާ މީހުންނަށް 500 ޑޮލަރު ބޭންކް ރޭޓުގައި ލިބެއެވެ.



