2024 ވަނަ އަހަރު ނިމުމުގެ ކުރިން ’ގެދޮރުވެރިޔާ‘ އާއި ’ބިންވެރިޔާ‘ ސްކީމްގެ ދަށުން ގޯއްޗާއި ފްލެޓު ލިބިފައިވާ މާލޭގެ ރައްޔިތުންނަށް އެތަންތަން ހަވާލު ކުރުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ސަރުކާރަށް ގޮވާލައިފި އެވެ.
އާޒިމް ވިދާޅުވީ މިދިޔަ އެމްޑީޕީ ސަރުކާރުން މާލޭގެ ބޯހިޔާވަހިކަމަށް ހައްލެއް ގެނެސްދިނުމަށް ރައްޔިތުންނަށް ހަމަޖައްސައިދީފައިވާ ފްލެޓުތަކާއި ކަނޑާދީފައިވާ ގޯތިތައް އަދިވެސް އޭގެ ހައްޤުވެރިންނާއި ހަވާލު ނުކުރާތީ ހިތާމަ ކުރާ ކަމަށެވެ. އަދި މިތަންތަން ރައްޔިތުންނާއި ހަވާލު ނުކުރުމަށް ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން އެކިއެކި އުޒުރުތައް ދަށްކަމުންދާ ކަމަށް އާޒިމް ތުހުމަތުކުރެއްވިއެވެ.
ރައްޔިތުންނަށް ދީފައިވާ ފްލެޓާއި ގޯތިތައް އަވަހަށް އެފަރާތްތަކާއި ހަވާލު ކުރުމަކީ ސަރުކާރަށް ލާޒިމު ކަމެއްކަން މުޅި ޤައުމު ގަބޫލު ކުރާ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ. އަދި މާލޭ ރައްޔިތުންގެ ހައްގުތައް ނިގުޅައިގަނެގެން ލިބޭނެ މަންފާއެއް ނޯންނާނެ ކަމަށާއި، މި އަހަރު ނިމުމުގެ ކުރިން ގޯއްޗާއި ފްލެޓްތައް މާލޭ ރައްޔިތުންނަށް ހަވާލު ކުރުމަށް އާޒިމް ވަނީ ސަރުކާރަށް ގޮވާލާފައެވެ.
ގުޅީފަޅުގެ ބިން ހިއްކުމުގެ މަޝްރޫއު އެއްކޮށް ނިންމާލާފައިވާ ކަމަށް އިއްޔެ ސަރުކާރުން އިއުލާނު ކޮށްފައިވާއިރު، ގުޅީފަޅުން ގޯތިލިބިފައިވާ ފަރާތްތަކަށް ގޯތިތައް ހަވާލު ކުރެވޭނީ ތިލަމާލެ ބްރިޖުގެ މަސައްކަތް ނިމުމުން ކަމަށް ހައުސިން މިނިސްޓަރ އަލީ ހައިދަރު ވަނީ ކުރިން ވިދާޅުވެފައެވެ.
މިދިޔަ ސަރުކާރުން އިއުލާނު ކުރި ”ގެދޮރުވެރިޔާ“ ސްކީމްގެ ދަށުން ހުޅުމާލޭ ފޭސް 2 ގައި އިމާރާތް ކުރަމުންދާ 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓު ރިވިއުކޮށް މިދިޔަ މަސް ނިމުމުގެ ކުރިން އާންމު ކުރާނެ ކަމަށް ހައުސިން މިނިސްޓްރީއިން ކުރިން އިއުލާނު ކުރިއެވެ. އޭގެ ފަހުން، މި މަހު ވެސް ލިސްޓު އާންމު ކުރާނެ ކަމަށް މިނިސްޓްރީއިން ވަނީ ތާރީހުތަކެއް ދީފައެވެ. އަދި އިއްޔެ އެ މިނިސްޓްރީން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ ލިސްޓު ނެރުން މުއްދަތެއް ނެތް ގޮތަށް ފަސްކުރެވިފައިވާ ކަމަށެވެ.
ފްލެޓް ލިސްޓު ނެރުން ލަސްވަމުންދާތީ އިއްޔެ ބަޔަކު ވަނީ ހައުސިން މިނިސްޓްރީއަށް ވަދެ ހިތްހަމަނުޖެހުން ވެސް ފާޅުކޮށްފައެވެ.



