ލިލީ މަގުގައި ހުންނަ މުލިއާގޭ ވެހިކަލް ގަރާޖު ޒުވާނުންގެ މަރުކަޒަކަށް ބަދަލު ކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
އެގޮތުން މިއަދު ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހު ރައީސް މުޢިއްޒު ނިންމެވީ ލިލީމަގުގައި ހުންނަ، މުލިޔާގެ ގަރާޖުގެ ގޮތުގައި ބޭނުންކުރަމުން އަންނަ އިމާރާތާއި ގޯތި، މުޖުތަމަޢަށް ފައިދާހުރި ކަންތައްތަކެއް ކުރާ ތަނަކަށް ބަދަލުކުރުމަށްޓަކައި ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުންތަކުގެ ތެރެއިން، ޒުވާނުންނާ ގުޅޭ ހަރަކާތްތައް ހިންގުމަށް ދިމާވެފައިވާ ޖާގައިގެ ދަތިތަކަށް ޙައްލު ހޯދައިދިނުމުގެ ގޮތުން، އެ ތަން ”ޒުވާނުންގެ ތަރޑް ސްޕޭސް“ ނުވަތަ ޒުވާނުން ބާރުވެރިކުރުވައި، ހުނަރުވެރިކުރުވައި، މުޖުތަމަޢުގެއެކި ފަރާތްތަކާއެކު އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށް ޒުވާނުންގެ މަރުކަޒެއްގެ ގޮތުގައި ތަރައްޤީކުރެއްވުމަށެވެ.
މިފަދައިން ނިންމެވީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގައި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރއިން ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.
މުލިއާގޭ ވެހިކަލް ގަރާޖު ހުންނަ ސަރަހައްދަކީ ގިނަ ސްކޫލްތަކެއް ހުންނަ، މަގުމަތީގެ ކާރުބާރު ބޮޑު ސަރަހައްދަކަށްވުމާއެކު، އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް ދަތިނުވާނެފަދަ، ރަނގަޅު ޓްރެފިކް މެނެޖްމަންޓް ޕްލޭނަކާއެކު، ޒުވާނުންގެ ތަރޑް ސްޕޭސް މަސައްކަތް ކުރިއަށް ގެންދިއުމަށްވެސް ރައީސް ވަނީ ނިންމަވާފައެވެ. އަދި މިފަދަ ތަންތަނަކީ، ޒުވާނުންގެ އީޖާދީ ވިސްނުން ހަޤީގަތަކަށް ހަދައި، ޒުވާނުން ބާރުވެރިކުރުވުމަށް މުހިންމު މަންސައެއްކަމުގައި ހައްދަވާނެކަމުގައި އެމަނިކުފާނު ވަނީ މީގެކުރިން ވިދާޅުވެފައެވެ.
ޒުވާނުންނަށް ޚާއްޞަ ”ތާރޑް ސްޕޭސް“ އޭރިއާތަކަކީ، ޒުވާނުންގެ ހުނަރުތައް އިތުރަށް ކުރިއެރުވުމަށް މަސައްކަތްކުރުމަށް ލިބޭ ވަރަށް ބޭނުންތެރި މުހިންމު ތަނެކެވެ. މިގޮތުން މި ތަނުގައި ކުރިއަށް ގެންދެވުމަށް ހުށަހަޅާފައިވާ ކަންތައްތަކުގެ ތެރޭގައި، އެކިކަހަލަ ބޫޓް ކޭމްޕްތަކާއި، ސްކިލް އެކްސްޗޭންޖް ޕްރޮގްރާމްތަކާއި، ވަރޗުއަލް ރިއަލިޓީ ޓްރެއިނިންގ، ކޮމިއުނިޓީ އާޓް ވޯލް، އިންޓްރެކްޓިވް ކޮމިއުނިޓީ ހަބް، އެކިކަހަލަ މަސައްކަތު ބައްދަލުވުން، އަދި ކަލިނަރީ އިވެންޓްތައް ހިމެނެއެވެ. މީގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަމަށް މަގުފަހިކުރުމަށްވެސް މިތަނުގެ ބައެއް ހަމަޖެއްސުމަށް ހުށަހަޅާފައިވެއެވެ.


