މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ހާލުގައި ޖެހުނު ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިމުގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކައުންސިލުތަކާ ގުޅިގެން ކުރަމުންގެންދާ ކަމުގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ) އިން ބުނެފިއެވެ.
އެންޑީއެމްއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ދެކުނުގެ އަތޮޅުތަކަށާއި، މެދުރާއްޖެތެރެ އަދި އުތުރުގެ ބައެއް އަތޮޅުތަކަށް ވިއްސާރައިގެ އަސަރު ވަނީ ކޮށްފައި ކަމަށެވެ.
އެހެންކަމުން ގެއްލުން ލިބޭ ރަށްތަކަށް އެހީފޯރުކޮށް ދިނުމުގެ މަސައްކަތް އެ އޮތޯރިޓީން ވިލަރެސް ކުރަމުންގެންދާ ކަމަށް އެންޑީއެމްއޭ އިން ބުނެފައިވެއެވެ.
މީގެއިތުރުން އެންޑީއެމްއޭ އިން ބުނީ މާލެއަށް ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ފެންހިންދުމުގެ މަސައްކަތް ވެސް ކޮށްފައިވާ ކަމަށެވެ.

އަދި އާންމުކޮށް މާލޭގައި ފެންބޮޑުވެ ގެއްލުން ލިބޭ ކަމަށް ފާހަގަ ކުރެވިފައިވާ ގެތަކުގައި މާލެސިޓީ ކައުންސިލާ ގުޅިގެން ވެލިބަސްތާ ޖެހުމުގެ މަސައްކަތް ވެސް ކޮށްފައިވާ ކަމަށް އެންޑީއެމްއޭ އިން ބުނެފައިވެއެވެ.




