ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ސަރުކާރު ކާމިޔާބު ވަނީ ރައްޔިތުންނާ ގުޅުންހުރި މައްސަލަތައް ސިޔާސީކަމެއްގެ ގޮތުގައި ނުދެކި، އެކަންކަމަކީ ރައްޔިތުންގެ މަސްލަހަތު އެކުމުގައި އޮތްކަމެއްގެ ގޮތުގައި ދެކޭތީ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޒް އަބްދުލްމަޖީދު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒުގެ ވެރިކަމަށް އެއް އަހަރު ފުރުމާ ގުޅިގެން ދައުލަތުގެ މީޑިއާއިން ގެނެސްދޭ ”ކާމިޔާބުގެ 52 ހަފްތާ“ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ޢަބްދުލްމަޖީދު ވިދާޅުވީ އޭގެތެރެއިން ދާޚިލީ ވުޒާރާގައި މެންޑޭޓް ކުރެވިފައިވާ މަސައްކަތްތަކަކީ ދިވެހީންގެ މުޅި މުސްތަޤުބަލާއި އަންނަން އޮތް ޖީލުތަކާވެސް ވަރަށް ބޮޑަށް ގުޅިފައިވާ ކަންކަން ކަމަށެވެ.
”އޭގެތެރޭގައި މަސްތުވާތަކެތީގެ މައްސަލަތައް މިއޮތީ ހިތާމައާއެކު ބުނަންޏާ އަޅުގަނޑުމެންގެ އަތްދަށުން ދޫވެގެން ގޮސް އަންނަން އޮތް ޖީލުތައް ވެސް ގެއްލިގެންދާ ހިސާބުގައި، އެހެންނަމަވެސް ރޭވުންތެރިކަމާއެކު ތަފާސްހިސާބުތަކަށް ބަލައިލާއިރު ފެންނަން އޮންނާނެ މި 52 ހަފްތާގެ މުއްދަތުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަ ހުއްޓުވުމަށްޓަކައި އަޅުގަނޑުމެންނަށް ކުރެވިފައި ހުރި މަސައްކަތްތައް“ ޢަބްދުލްމަޖީދު ވިދާޅުވިއެވެ.
މީގެއިތުރުން ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޢަބްދުލްމަޖީދު ވިދާޅުވީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން މަސައްކަތް ކުރުމުން، އެކި އޮޕަރޭޝަންތަކުގެ ދަށުން އެކަން ހުއްޓުވާފައިވާ މިންވަރު އެހެން ސަރުކާރުތަކުގެ ފުރަތަމަ އެއް އަހަރު ދުވަހަށްވުރެ އިތުރުވެފައިވާނެ ކަމަށެވެ.




