ދައުލަތުގެ ހޭދަތައް ކުރުމަށް އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ 57 ބިލިއަން ރުފިޔާގެ ބަޖެޓުގެ ތަފްސީލެއް ލިބިފައި ނުވާ ކަމަށާއި، އެއީ ”ވާނުވާ ނޭނގޭ“ ބިލެއް ކަމަށް ސިފަކޮށް އެ ބިލު އަނބުރާ ފޮނުވާލުމަށް ރައްޔިތުންގެ މަޖިލިހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު މިއަދު ގޮވާލައްވައިފި އެވެ.
މިއަދު މަޖިލިސް ޖަލްސާގައި ބޭއްވުނު އަންނަ އަހަރުގެ ބަޖެޓަށް ބަހުސްކުރުމުގައި މެންބަރު ސިޔާމް ވާހަކަ ދައްކަވަމުން ވިދާޅުވީ އޭނާ މަޖިލީހުގައި ހޭދަ ކުރައްވާ 21 އަހަރުގެ ތެރެއިން މިއީ ތަފްސީލެއް ނެތް ގޮތުގައި މަޖިލީހަށް ހުށަހެޅި ފުރަތަމަ ބަޖެޓު ކަމުގައެވެ.
އެގޮތުން މެންބަރު ސިޔާމް ވިދާޅުވީ ބަޖެޓެއް ހުށަހަޅާއިރު ތަފްސީލެއް އެނގެން ކަމަށާއި ރަށްރަށުގެ ތަރައްގީއާ ބެހޭ ވާހަކަތައް ބަޖެޓުގައި ނެތުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ. އަދި ތައުލީމަށް ހަރަދު ކުރާ އަދަދު ބަޖެޓުގައި ހިމަނާފައިވާއިރު، އެއީ ކޮން ގޮތަކަށް ކޮން ތަނަކަށް ކުރެވޭނެ ހަރަދެއް ކަން އެނގެން ރައްޔިތުން ބޭނުންވާނެ ކަމަށް ވެސް މީދޫ ދާއިރާގެ މެންބަރު ވިދާޅުވިއެވެ.
”ރައްޔިތުން މިއަދު ބޭނުންވޭ ކުރާ ކަންތައްތައް އެނގެން. މާދަމާ ވާނީ ކިހިނެއް ކަން ވެސް އެނގެން އެބަ ބޭނުންވޭ. ވާނުވާއެއް ނޭނގި މި ބަޖެޓަށް ބަހުސް ކުރެވޭނެ އެއްވެސް ގޮތެއް އަޅުގަނޑުގެ ހިތަކަށް އަޅުގަނޑުގެ ސިކުނޑިއަކަށް ނުވިސްނޭ. މީކީ ދުނިޔޭގެ އެއްވެސް ގައުމަކުން ބަޖެޓެއް ހުށަހަޅާނެ ގޮތެއް ނޫން“ މެންބަރު ސިޔާމް ވިދާޅުވެފައިވެއެވެ.
މެންބަރު ސިޔާމް އިތުރަށް ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައި ވަނީ ވިޔަފާރި އާއި ޓްރާންސްޕޭރެންސީ އާއި ޑިމޮކްރެސީއާ ވަރަށް ދުރު ވިސްނުމެއްގެ ބަޖެޓެއް ކަމަށެވެ.



