މިދިޔަ އަހަރުދުވަހުގެ ތެރޭގައި ސަރުކާރު ހިންގާފައިވަނީ ޒިންމާދާރުކަމާއެކު ރައްޔިތުންގެ މާލިއްޔަތަށް އަމާނާތްތެރިކަމާއެކު، ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް ހުރިހާ މައުލޫމާތެއް ފޯރުކޮށްދީގެން ކަމަށް ޕީއެންސީން ބުނެފިއެވެ.
ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީން މިރޭ އާއްމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިދިޔަ އަހަރުދުވަހުގެ ތެރޭގައި ސަރުކާރު ހިންގާފައިވަނީ ޒިންމާދާރުކަމާއެކު ރައްޔިތުންގެ މާލިއްޔަތަށް އަމާނާތްތެރިކަމާއެކު، ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް ހުރިހާ މައުލޫމާތެއް ފޯރުކޮށްދީގެން ކަމަށެވެ.
ޕީއެންސީގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ފާއިތުވި ތިން އަހަރު ދައުލަތުގެ ޚަރަދުތައް އެވަރެޖުކޮށް އަހަރަކަށް 15 ޕަސަންޓު އިތުރުވަމުންދިޔަ ނަމަވެސް މި އަހަރު ދައުލަތުގެ ޚަރަދުތައް އިތުރުވީ 2.5 ޕަސަންޓެވެ. މީގެ ނަތީޖާއެއްގެ ގޮތުން ބަޖެޓުގެ ޑެފިސިޓު 378 މިލިއަން ރުފިޔާއިން ކުޑަކުރެވިފައިވާކަން ވެސް ފާހަގަކޮށްފައިވެއެވެ.
ސަރުކާރުން މަޢުލޫމާތު ހާމަކުރުމުގައި ގެންގުޅޭ ހާމަކަން ބޮޑު ސިޔާސަތުގެ ދަށުން، ކޮންމެ ހަފުތާއަކު އެއްފަހަރު ދައުލަތުގެ ޚަރަދުބަރަދާއި އާމްދަނީގެ ތަފުސީލުތައް ފިނޭންސް މިނިސްޓްރީން އާންމުކުރާކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި ރައީސް އޮފީހާއި މިނިސްޓްރީތަކުގެ އިތުރުން، ކުންފުނިތަކަށް ހުށަހެޅޭ ހުރިހާ އާރްޓީއައިތަކަށް ޖަވާބުދެމުންދާކަން ވެސް ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ކެބިނެޓުން ނިންމާ ނިންމުންތައް އާންމުންނަށް ފެންނާނެހެން އާންމުކުރަން ފެށީ މި ސަރުކާރުންކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި މި އަހަރުގެ މާޗުން ފެށިގެން ކެބިނެޓުގެ ކޮންމެ ނިންމުމެއް އެ ކަމަށް ޚާއްސަ ވެބްސައިޓެއްގައި އަދާހަމަކޮށް ޝާއިއުކުރަމުންދާކަމަށް ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އެހެންނަމަވެސް، އިދިކޮޅު އެމްޑީޕީން ހަގީގަތް އޮޅޭގޮތަށް މައުލޫމާތު ފަތުރާތީ ޕީއެންސީން އެކަން ކުށްވެރިކޮށްފައިވެއެވެ. ޒިންމާދާރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ މަގާމު އަދާކުރަންޖެހޭ އެމްޑީޕީއަކީ ދައުލަތުން ފައިސާދީގެން ހިންގާ މުއައްސަސާއެއް ކަމަށްވާއިރު، ހަގީގަތް އޮޅޭގޮތަށް އެ ޕާޓީން މައުލޫމާތު ފެތުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޕީއެންސީން ބުނެފައިވެއެވެ.



