އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާ ކުރުމުގެ ކުރިން އަދި އިތުރަށް ވިސްނަން ޖެހޭ ކަމަށް ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެއެވެ.
ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް ހުށަހަޅުއްވާފައިވާ، އިޒްރޭލުގެ ޕާސްޕޯޓު އަވަހަށް މަނާ ކުރުމަށް ގޮވާލާ ގަރާރަށް މިއަދު ބަހުސް ކުރަމުން މެމްބަރު ސައުދުﷲ ވިދާޅުވީ އިޒްރޭލުގެ ޕާސްޕޯޓު މަނާކޮށްގެން ރާއްޖެއަށް ވާނީ ފައިދާތޯ ނުވަތަ ގެއްލުންތޯ ވިސްނަން ޖެހޭ ކަމަށެވެ.
ސައުދުﷲ ވިދާޅުވީ ރާއްޖޭގެ ހާލަތު މިއަދު އޮތީ އެހެން އެއްވެސް ޤައުމަކާއި ނުވަތަ އެ ޤައުމެއްގެ ރައްޔިތަކާ ޖެހިގަނެގެން އުޅޭ ހާލަތެއްގައި ނޫން ކަމަށާއި، ކޮންމެ ފިޔަވަޅެއް އެޅުމުގެ ކުރިންވެސް ހުރިހާ ގޮތަކަށް ބަލާ ވިސްނަން ޖެހޭ ކަމަށެވެ.
ދިވެހިންނަކީ ފަލަސްތީނުގެ ރައްޔިތުންނާއި ދީނީ ގޮތުން އެއްބަނޑު އެއްބަފާ ބައެއް ކަމަށާއި، ނަމަވެސް ފަލަސްތީނުގެ ވަށައިގެން އޮތް އަރަބި ގައުމު ތަކަކީ އާއިލީ ގޮތުންވެސް ، ދަރިފަސްކޮޅުގެ ގޮތުންވެސް ފަލަސްތީނުގެ ރައްޔިތުންނާއި މާ ގާތް ބައެއް ކަމަށް ސައުދުﷲ ވިދާޅުވިއެވެ. އަދި އެ ޤައުމު ތަކަކީ ދިވެހިރާއްޖެ އަށް ވުރެ މާ މުއްސަނދި ފުދުންތެރި ޤައުމުތަކަކަށް ވީހިނދު، އެ ޤައުމު ތަކުން އިޒްރޭލުގެ ރައްޔިތުންނާއި ދޭތެރޭ ނާޅާ ފިޔަވަޅެއް ދިވެހިރާއްޖެއިން އަޅަން ޖެހެނީ ކީއްވެތޯ ސައުދުﷲ ވަނީ ސުވާލު އުފައްދަވާފައެވެ.
ސައުދުﷲ އިތުރަށް ވިދާޅުވީ މަޖިލީހުގެ މެމްބަރުން ހޮވާފައި ތިބީ ރައްޔިތުންގެ ބަސް އިއްވުމަށްޓަކައި ކަމަށާއި، އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ ބިލް ފާސް ކުރުމުގެ ދާއިރާގެ ރައްޔިތުންގެ ހިޔާލު ހޯދަން ޖެހޭ ކަމަށެވެ.
އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެ ނުވެވޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ބިލެއް ހުށަހެޅުއްވީ އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ. މީކާއިލް މަޖިލީހަށް ހުށަހެޅުއްވީ ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނުގެ އެއްވަނަ މާއްދާގެ (ހ) ގެ ހަތް ވަނަ ނަމްބަރުގެ ފަހަތަށް ނަމްބަރެއް އިތުރު ކުރުމަށެވެ.



