އިޒްރޭލުގެ ޔަހޫދީ ސަރުކާރުގެ އެންގުމަށް އެޤައުމުގެ ސިފައިން ޣައްޒާގެ ”ރައްކާތެރި“ ސަރަހައްދުތަކުގެ ގޮތުގައި ފާހަގަ ކޮށްފައި ހުރި ސަރަހައްދުތަކަށް އަރައި، ތުއްތުކުދިންތަކެއް އެކުދިންގެ މައިންބަފައިންގެ ކުރިމަތީގައި މަރާލިއެވެ.
ބޭރުގެ ޚަބަރުތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އިޒްރޭލުން އިއްޔެ ވަނީ ޣައްޒާއަށް ތިން ހަމަލާ ދީފައެވެ. އެއީ ބީތު ލާހިޔާ އަށާއި އެއަވަށާ އިންވެގެން ހުރި ރަދްވާން އަށެވެ. މި ހަމަލާގައި މުޅިއަކު 88 ފަލަސްތީނުގެ ރައްޔިތުން އިޒްރޭލުން ވަނީ މަރާލާފައެވެ. މިހަމަލާގެ ތެރޭގައި އިޒްރޭލުން ވަނީ ގެދޮރުގެއްލި ހާލުގައި ޖެހިފައިތިބި ޣައްޒާ ރައްޔިތުން ވަގުތީ ބޯހިޔާވަހިކަން ހޯދަމުންދިޔަ ޓެންޓުތަކަށް ވަދެ އާންމުންނަށް އަނިޔާކޮށް އެތައް ބަޔަކު ޒަހަމްކޮށްލާ މަރާލާފައެވެ.
އޭގެ ތެރެއިން އެއް ޓެންޓަށް އިޒްރޭލު ސިފައިން ވަދެ، ތިން ކުޑަކުއްޖަކު އެކުދިންގެ މައިންބަފައިންގެ ކުރިމަތީގައި މަރާލި ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ.
”އަހަރުމެންގެ ދަރިން މަރާލައިފި. އަހަރުމެންގެ ގަޔަކު ދެން އިތުރު ހިތްވަރެއް ނެތް. އަހަރުމެންނަށް ރައްކާތެރިކަންދީ ސަލާމަތް ކުރާނެ ހަނގުރާމަވެރިއެއް ނެތް. އަހަރުމެންގެ ހުރީ ހެއްދެވި ފަރާތް އެކަނި“ އިޒްރޭލު ސިފައިން އެއްވެސް ރަހުމެއް ނެތި މަރާލި ތިން ކުދިންގެ ބައްޕަ މަހްމޫދް ބިން ހަސަން ގިސްލާ ރޮމުން ބުނެފައިވެއެވެ.
އިޒްރޭލުން އިއްޔެވަނީ ޣައްޒާގެ އިތުރުން ލުބްނާނަށާއި ސީރިއާއަށް ވެސް ނިރުބަވެރި ހަމަލާތަކެއް ދީފައެވެ. އެގޮތުން ސީރިއާއިން ނުވަ މީހުންނާއި ލުބްނާނުން 36 މީހުން އިއްޔެ އިޒްރޭލުން ވަނީ ގަތުލުކޮށްފައެވެ. ހިޒްބުﷲ ޖަމާއަތުގެ ލީޑަރު ނައީމް ގާސިމް ބުނީ، ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވރުކުރުމަށް އިޒްރޭލާއެކު ސުލްހަވެރި އެއްބަސްވުމަކަށް ދާން ކުރި އެއްވެސް މަސައްކަތަކަށް އިޒްރޭލުން އަދި މިހާތަނަށް އެއްވެސް އިޖާބައެއް ދީފައިނުވާ ކަމަށެވެ.




