އިއްޔެ އަކީ ރާއްޖޭގެ ޑިމޮކްރަސީގެ އިރު އޮއްސިގެން ދިޔަ ދުވަސް ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު، އެ މެމްބަރަކު ހޮވިވަޑައިގަތްތް ޕާޓީއަކުން ވަކިކޮށްފި ނަމަ ނުވަތަ ވަކިވެއްޖެ ނަމަ، މެމްބަރު ކަމުގެ ގޮނޑި ގެއްލޭ އިއްޔެ ވަނީ ޤާނޫނު އަސާސީ އަށް ބަދަލު ގެނެސްފައެވެ.
އެކަމާ ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ރައީސް ޝާހިދު ވިދާޅުވީ އިއްޔެ ރައްޔިތުންގެ މަޖިލީހުން ޤާނޫނު އަސާސީއަށް ބަދަލު ގެންނެވިކަން އިއުލާނު ކުރެއްވި ވަގުތު އިއްތިފާގު ވެގެން ދިޔައީ އިއްޔެގެ އިރު އޮއްސިގެން މަޤްރިބް ނަމާދަށް ގޮވި ވަގުތަށް ކަމަށެވެ. އޮއްސިގެން އެދިޔައީ އިއްޔެގެ އިރު އެކަންޔެއް ނޫން ކަމަށާއި، އެއީ ރާއްޖޭގެ ޑިމޮކްރަސީގެ އިރުވެސް އޮއްސިގެން ދިޔުން ކަމަށް ޝާހިދު ސިފަ ކުރެއްވިއެވެ.
2008 ވަނަ އަހަރު އެމްޑީޕީއިން ބަލައިގަތް ޤާނޫނު އަސާސީގެ މުޅި މަފްހޫމް އަކީ ރައްޔިތުންނާއި މަޝްވަރާ ކޮށްގެން ކަންކަން ނިންމުން ކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ. އަދި އެގޮތަށް ކަންކަން ކުރުމުގެ ވައްޓަފާޅި އެއް ރައްޔިތުންގެ މަޖިލީހުގައި ހިންގަން ފެށިފައިވަނީ 2009 ވަނަ އަހަރު ގެ ރައްޔިތުންނާއި ހަމައިން ކަމަށް ޝާހިދު ވިދާޅުވިއެވެ.
“ އެ މަޖިލީހުގެ ރައީސް އަކަށް އަޅުގަނޑު ހުރި އިރު އަޅުގަނޑުމެން ތެރޭގައި މަޝްވަރާ ކުރެވި، ހިންގަން ފެށި ނިޒާމެއް އެއީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ކޮންމެ ބިލެއްވެސް ރައްޔިތުންގެ ހިޔާލަށް ފުރުސަތު ދިނުން “ ޝާހިދު ވިދާޅުވިއެވެ.
އިއްޔެ ޤާނޫނު އަސާސީއަށް ގެނެވުނު ބޮޑެތި ބަދަލު ތަކަކީ، އެ ބަދަލު ތަކަކާއި މެދު ރައްޔިތުން ދެކޭ ގޮތް ހޯދާލުމުގެ ފުރުސަތު ރައްޔިތުންނަށް ދޭންޖެހޭ ބަދަލު ތަކެއް ކަމަށް ޝާހިދު ފާހަގަ ކުރެއްވިއެވެ.
ޝާހިދު ވިދާޅުވީ ޤާނޫނު އަސާސީ ބަދަލުކުރެވޭ ވަރަށް ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެމްބަރުން ތިއްބަސް، ހަމަ ބޭނުން އިރެއްގައި ބޭނުން ކަމެއް ކުރުއްވުމަކީ ޑިމޮކްރަސީ އެއް ނޫން ކަމަށެވެ.
“ އިއްޔެ ރައްޔިތުންނަށް (ރައީސް މުއިއްޒު) ދެއްވަން ބޭނުންފުޅުވި މެސެޖަކީ، ރާއްޖޭގައި ކޮންމެ ކަމެއް، ކޮންމެ ވަގުތެއްގައި، ކޮންމެ ގޮތަކަށް ތިމަން މަނިކުފާނު ކުރައްވަފާނަމޭ. “ ޝާހިދު ވިދާޅުވިއެވެ.
ޝާހިދު އިތުރަށް ވިދާޅުވީ މިހާރު ޤާނޫނު އަސާސީއަށް މި ގެނެވުނު ބަދަލުތަކާއިއެކު، ރައީސް ޑރ. މުއިއްޒު ބޭނުންފުޅު ވެލައްވާނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސް މެދުވެރިކުރައްވާ، ރާއްޖޭގެ އަނެއް 2 ބާރުގެ ވެރިން ބަދަލު ކުރުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށެވެ.
ޤާނޫނު އަސާސީ އަށް އިއްޔެ ގެނައި އިސްލާގައި ވާގޮތުން ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަ ކޮށްގެން އިންތިހާބުވުމުން، 5 އަހަރުގެ ދައުރު ތެރޭގައި އެ ސިޔާސީ ޕާޓީއަކުން އަމިއްލައަށް ވަކިވެއްޖެ ނަމަ، ނުވަތަ އެއްވެސް ސަބަބަކާއި ހުރެ ޕާޓީ އިން އެ މެމްބަރަކު ވަކިކޮށްފި ނަމަ، އެ މެމްބަރެއްގެ މަޖިލީހުގެ ގޮނޑި ގެއްލި، މެމްބަރު ކަމުން ވަކި ވާނެ ކަމަށެވެ.



