އިޒްރޭލުގެ ބޮޑުވަޒީ ބެންޖަމިން ނަތަންޔާހޫ އާއި އެ ޤައުމުގެ ކުރީގެ ޑިފެންސް މިނިސްޓަރ ޔޯއަވް ގަލަންޓް ހައްޔަރުކުރުމަށް ދުނިޔޭގެ ޖިނާއީ ކޯޓު އައިސީސީއިން އަމުރު ނެރުމާއި ގުޅިގެން ރާއްޖެއިން އެކަމަށް މަރުހަބާ ކިޔައިފިއެވެ.
އައިސީސީއިން ނެރުނު އަމުރާއި ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ އަނިޔާތަކާއި ހުއްޓުވުމަށް އައިސީސީ އިން ނިންމި ނިންމުމަށް ދިވެހި ރާއްޖޭގެ ފަރާތުން މަރުހަބާ ކިޔާ ކަމަށެވެ.
އިޒްރޭލުގެ ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި އައިސީސީއިން ނިންމި ނިންމުން ތަންފީޒު ކުރުމުގެ މުހިންމު ކަން ރައީސް ޓްވީޓުގައި އެ މަނިކުފާނު ފާހަގަ ކުރެއްވިއެވެ. އަދި ބައިނަލްއަޤުވާމީ ޤާނޫނުތައް ތަންފީޒުކޮށް، ފަލަސްތީނުގައި އަނިޔާ ލިބެމުންދާ އެ ޤައުމުގެ ރައްޔިތުންނަށް އިންސާފު ލިބުމަކީ މެދު އިރުމަތީގެ ހަމަ ޖެހުމަށް ނުހަނު މުހިންމު ކަމެއް ކަމުގައިވެސް ރައީސް ފާހަގަ ކުރެއްވިއެވެ.
އައިސީސީ އިން ނެރުނު އަމުރާއި ގުޅިގެން ރޯމް ސްޓެޓިއުޓްގެ 124 މެންބަރު ޤައުމުތަކަށް ނަތަންޔާހޫ އާއި އަމުރުގައި ބަޔާންކުރާ އިތުރު ދެމީހުން ހައްޔަރުކޮށް އައިސީސީއަށް ހަވާލުކުރުން ލާޒިމުވެގެންދާނެއެވެ. ރޯމް ސްޓެޓިއުޓްގެ 63 ވަނަ މާއްދާގައި ތުހުމަތުކުރެވޭ މީހާގެ ޢައިރު ހާޒިރުގައިވެސް ޝަރީޢަތް ފެށޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އެހެންނަމަވެސް އައިސީސީގެ ތަންފީޒީ ބާރު ނެތުމުގެ ސަބަބުން ޙުކުމް ތަންފީޒު ކުރުމަށް އައިސީސީއިން ބަރޯސާވާން ޖެހޭނީ މެންބަރު ގައުމުތަކަށެވެ.


