ޗިކާގޯގައި އުމުރުން ދުވަސްވީ އަންހެނަކު ދެމަފިރިއެއްގެ ސްވެޓަރުގައި ”ފަލަސްތީނު“ ޖަހާފައި އިނުމުން އެދެމަފިރިންނަށް ހަމަލާ ދީފިއެވެ.
ޓިކްޓޮކްގައި ވެސް މިހާރު ވައިރަލްވަމުން އަންނަ ވީޑިއޯއަކުން ފެންނަނީ، ޗިކާގޯގެ ޕަނީރާ ބްރެޑް ރެސްޓޯރަންޓެއްގެ ތެރޭގައި އެލެކްޒޭންޑްރާ ސަސްޓޭކަވިޗް ނަމަކަށް ކިޔުނު އުމުރުން 64 އަހަރުގެ އަންހެނަކު ފަލަސްތީނުގެ އެ ދެމަފިރިންނަށް ހަމަލާދޭން އުޅޭ މަންޒަރެވެ.
އެ ހާދިސާ ކިޔައިދެމުން ވަސީމް ޒަރާން ބުނީ މިދިޔަ އަންގާރަ ދުވަހު އޭނާއާއި އޭނާގެ މާބަނޑު އަނބިމީހާ އެ ރެސްޓޯރަންޓަށް ގޮސް ކައުންޓަރު ކައިރީގައި ހުއްޓާ، އެދެމަފިރިންނަކީ ފަލަސްތީނުގެ ދެ ރައްޔިތުންތޯ އެލެކްސެންޑްރާ ސުވާލު ކުރި ކަމަށެވެ. ޖަވާބުގައި އާނ އެކޭ ބުނުމުން އުމުރުން ދުވަސްވީ އެއަންހެން މީހާ ހަޑިހުތުރު އެއްޗެހި އެމީހުންނާ ދިމާލަށްކީ ކަމަށާއި އަދި ލައިގެން ތިތިބީ ކޮންއެއްޗެއްތޯ ސުވާލުކޮށް ވަސީމްއަށް ހަމަލާދީ، އޭނާގެ އަތުގައި އޮތް ކޮފީ ތަށި ވެސް އެދެމަފިންނާ ދިމާލަށް އުކަން އުޅުނު ކަމަށް ވަސީމް ބުންޏެވެ. ނަމަވެސް ވަސީމް ވަނީ އޭގެ ކުރިން އެ ކޮފީތަށި އޭނާގެ އަތުން އަތުލައި އުކާލާފައެވެ.
އޭގެފަހުން އެތަނުން ދާން އުޅޭ ކަމަށް ހަދާފައި އެލެކްސެންޑްރާ ދެން ހަމަލާދެވޭތޯ މަސައްކަތް ކުރީ އޭނާގެ މާބަނޑު އަނބިމީހާއަށް ކަމަށާއި ނަމަވެސް ވަސީމް އޭނާ ހުއްޓުވި ކަމަށް ވެސް ބުންޏެވެ. އަދި އެއީ މާބަނޑު އަންހެނެކޭ ބުނުމުން ވެސް އެލެކްސެންޑްރާ ހަމަލާދޭން މަސައްކަތް ކުރިކަމަށް ވެސް ވަސީމް ބުންޏެވެ.
އެމެރިކާގެ ފަލަސްތީނު ރައްޔިތަކަށްވުމުން ވަރަށް ގިނައިން މީހުންގެ ފަރާތުން އަނގަބަހުން އެދެމަފިރިންނަށް މީހުން ފުރައްސާރަ ކުރާ ކަމަށާއި ނަމަވެސް މިފަދައިން ޖިސްމަނީ ގޮތުން މީހަކު ހަމަލާދޭން އުޅުނު މިއީ ފުރަތަމަ ފަހަރުކަން ވަސީމް ފާހަގަ ކުރިއެވެ. އަދި އެ މުސްކުޅި އަންހެން މީހާ އެއްވެސް ކަމަކާނުލައި އެމީހުންނަށް ހަމަލާ ދިންއިރު، އެ ރެސްޓޯރަންޓުގައި އެވަގުތު ތިބި އެކަކުވެސް އެމީހުންނަށް އެހީނުވި ތަނުގައި އެކަމާ ދެކޮޅަށް އެއްޗެއް ވެސް ނުބުނިކަން ވަސީމް ހިތާމައާއެކު ފާހަގަ ކުރިއެވެ.
ޗިކާގޯ ފުލުހުން ބުނި ގޮތުގައި އެލެކްސެންޑްރާގެ މައްޗަށް ހޭޓް ކްރައިމްއާއި ބޭއަދަބީ އުޅުމެއް އާންމުތަނެއްގައި ގެންގުޅުމުގެ ދައުވާ މިހާރު ވަނީ ކޮށްފައެވެ. އަދި އޭނާގެ ޝަރީއަތް ފެށޭނީ އަންނަ މަހުގެ 16ގައި ކަމަށް ވެސް ބުނެފައިވެއެވެ.



