ފޮޓޯއިން ތި ފެންނަ އުމުރުން ދުވަސްވީ އަންހެނަކީ ޣައްޒާގެ އުތުރު އައްސޭރީގެ ރައްޔިތެއް ކަމަށްވާ މައިން ޒާނިން އެވެ. އޭނާގެ އުމުރުން މިހާރު 63 އަހަރުވެފައިވާއިރު އޭނާއަކީ ކެންސަރު ބަލި ވެސް ތަހައްމަލު ކުރަމުންދާ މީހެކެވެ.
ކެންސަރަކީ ކިހާވަރެއްގެ ވޭނެއް ހުރި ބައްޔެއްކަން ނޭނގޭ މީހަކު މަދުވާނެއެވެ. އެއީ މިބަލި ޖެހޭ މީހަކު ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ވެސް އެއްކޮށް ބަލިކޮށްލާވަރުގެ ބޮޑު ބައްޔެކެވެ. އަވަހަށް ފަރުވާ ވެސް ބޭނުންވާ ބައްޔެކެވެ.
ނަމަވެސް މިއަދު މައިންއަށް މިވަނީ އަމިއްލަ ހާލަތަށް، އަމިއްލަ އުމުރަށް ނުވިސްނާ އޭނާގެ މާމަ ދަރިންގެ ހައްގުގައި ތެދުވެ މަސައްކަތް ކުރާށެވެ. ނެތް ހިތްވަރެއްވެސް ނެރެގެން އެކުދިން ބެލުމުގައި ދިރިއުޅުމުގެ ބާކީ އޮތް ދުވަސްތައް ހޭދަ ކުރާށެވެ.
ސަބަބަކީ ކޮބާ ހެއްޔެވެ؟ ސަބަބަކީ އޭނާއަށާއި އޭނާގެ މާމަދަރިންނަށް ނުބައި ޔަހޫދީ އިޒްރޭލުން މި ހާލު ޖެއްސިކަމެވެ.
އިޒްރޭލުން ދިން ހަމަލާއެއްގައި މައިންގެ ދަނބިދަރިފުޅު ވަނީ ނިޔާވެފައެވެ. ކުށެއް ނެތް އެކުދިންގެ މަންމަ އެކުދިންގެ ކުރިމަތީގައި އިޒްރޭލު ސިފައިން ވަނީ ގަތުލު ކޮށްލާފައެވެ. އޭގެ އިތުރުން އިޒްރޭލުން ވަނީ މައިންގެ ހުރި ހަމައެކަނި ފިރިހެންދަރި (އޭނާގެ މާމަދަރިންގެ ބައްޕަ) އަށް އެއްވެސް ރަހުމެއްނެތި އަނިޔާކޮށް ހައްޔަރުކޮށްގެން ގެންގޮސްފައެވެ. އެކުދިންގެ ބައްޕަ އިޒްރޭލު ސިފައިންގެ ބެލުމުގެ ދަށުގައި ހުރީ ކޮން ހާލެއްގައި ކަމެއް، ނުވަތަ ދުނިޔޭގައި އަދިވެސް ހުރިކަމެއް ވެސް އެމީހުންނަކަށް ނޭނގެއެވެ.
އަމިއްލަ ގެދޮރުގައި ނޫޅެވޭވަރަށް އިޒްރޭލު ސިފައިން އެތަން ސުންނާފަތި ކުރުމުގެ ސަބަބުން މިހާރު މައިން އާއި އޭނާގެ މާމަދަރިން އުޅެނީ ވަގުތީ ބޯހިޔާވަހިކަމެއްގައި، ޣައްޒާގެ ސްކޫލެއްގެ ރެފިއުޖީ ޓެންޓެއްގައެވެ. ކޮންމެ ދުވަހަކު އޭނާ ތެދުވެ، އަލިފާން ރޯކުރަން ދަރާއި އެނޫން ވެސް ބޭނުން ކުރެވޭނެ ތަކެތި ހޯދަން، އެ ނުރައްކާތެރިކަމުގެ ތެރެއަށް ނިކުމެގެން ދަނީ އަމިއްލަ ހާލަތަށް ނުވިސްނާ ދަރިންގެ ހައްގުގައެވެ.




