އިޒްރޭލުގެ އަނިޔާވެރިކަމާ ދެކޮޅަށް ލުބްނާންގެ ހަނގުރާމަވެރި ޖަމާޢަތެއް ކަމުގައިވާ ހިޒްބުﷲ އިން ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.
ދެ ޤައުމު ދެމެދުގައިވާ ހަމަނުޖެހުންތައް ހުއްޓާލައި، މަޝްވަރާކޮށް އެއްބަސްވުމަކަށް ދާން ފާއިތުވީ ދުވަސްތަކުގައި ހިޒްބުﷲ އިން ވަނީ މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް އެ މަސައްކަތްތަކަށް އިޒްރޭލުގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ނުލިބުން ކަމަށާއި ހުއްޓުމެއްނެތި އިޒްރޭލު ސިފައިން އެތައް ބަޔަކު މަރާލައި ޒަހަމްކޮށް ހެދުމުގެ ސަބަބުން ދެން އެ ޖަމާޢަތުން ވެސް ސުލްހަވެރިވާން މަސައްކަތް ނުކުރާނެ ކަމަށް މިދިޔަ ހަފްތާގައި ވަނީ އިއުލާނު ކޮށްފައެވެ.
އިޒްރޭލުގެ ރޭޑިއޯއަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ހިޒްބުﷲ އިން ރޭގައި ތެލްއަވީވްއަށް ދިން މިސޭލު ހަމަލާތަކުގެ ސަބަބުން 11 މީހަކު މަރުވެ، އެތައް ބަޔަކު ޒަހަމްވެ، އެތައް ބައެއް ގެދޮރާއި މުދަލަށް ވަނީ ގެއްލުންތަކެއް ވެފައެވެ.
ނަމަވެސް ހިޒްބުﷲ އިން މިހަމަލާތައް ދީފައި މިވަނީ އިއްޔެ އިޒްރޭލުން ލުބްނާނުގެ ވެރިރަށް ބެއިރޫތަށް ފުރަތަމަ ހަމަލާ ދިނުމުގެ ސަބަބުން އޭގެ ރައްދެއްގެ ގޮތުގައި ކަމަށް އެ ޖަމާޢަތުން ބުނެފައިވެއެވެ.
އެގޮތުން އިޒްރޭލު ސިފައިން އިއްޔެ ބެއިރޫތަށް ދިން ވައިގެ ހަމަލާތަކެއްގެ ސަބަބުން ބޮޑެތި ގެއްލުންތަކެއްވެ، ލުބްނާނުގެ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަންނަ އަހަރުގެ ޖަނަވަރީ މަހާ ހަމައަށް ބެއިރޫތުގެ ސްކޫލްތައް ވެސް ބަންދު ކުރަން ނިންމާފައެވެ.




