ޔަހޫދީ އިޒްރޭލުގެ ދިފާއުގައި އެ ޤައުމުން ދެމުންގެންދާ ހުރިހާ ހަމަލާއެއްގައި އެހީތެރިވާ އެމެރިކާއިން އަނެއްކާވެސް ވާހަކަ ދައްކައިފިއެވެ.
އެގޮތުން އެމެރިކާއިން މިފަހަރު ވާހަކަ ދައްކާފައިވަނީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އިން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރުކުރަން ނެރުނު އަމުރާއި ރަޝިއާއާ އަޅާ ކިޔެން ނެތް ކަމަށާއި އެއީ އައިސީސީން ރަޝިއާއާ ދެކޮޅަށް ނެރުނު އަމުރާ މުޅިން ތަފާތު ދެ އަމުރެއް ކަމަށެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ އާއި އެ ޤައުމުގެ ކުރީގެ ޑިފެންސް މިނިސްޓަރު ގަލަންޓު ހައްޔަރު ކުރަން އައިސީސީން އަމުރު ނެރެފައިވަނީ މިމަހުގެ 21 ވަނަ ދުވަހުގައެވެ. އެއީ އެކަމަށް އައިސީސީގެ ޕްރޮސެކިއުޓާ ޖެނެރަލް ކަރީމް ޚާން އެދުނުތާ ހަ މަސް ދުވަސް ފަހުންނެވެ. މި ދެމީހުން ހައްޔަރު ކުރަން އަމުރު ނެރުނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޣައްޒާގައި އިޒްރޭލުން ހުއްޓުމެއް ނެތި ހިންގަމުންދާ ގަތުލުއާންމުގެ ސަބަބުން ކަމުގައި އައިސީސީގެ އަމުރުގައި ބަޔާން ކޮށްފައިވެއެވެ.
ނަތަންޔާހޫ އާއި ގަލަންޓް ހައްޔަރު ކުރަން ނެރުނު މި އަމުރަކީ، ކުރިން ރަޝިއާ އިން ވެސް އެފަދަ އަމަލުތަކެއް ހިންގުމުން ނެރުނު އަމުރެއް ކަމަށާއި އިޒްރޭލުން މިހާރު އުޅެމުންދަނީ ރަޝިއާގެ ނުފޫޒުގަދަ ވެރިން އުޅޭހެން ކަމުގައި ބައެއް މީހުން އަޑުފަތުރާފައިވެއެވެ.
މި އަޑުތަކާ ދެކޮޅަށް އިޒްރޭލުގެ ފަރާތުން އެމެރިކާއިން ވަކާލާތު ކުރަމުން ބުނީ ރަޝިއާ އާއި އިޒްރޭލު އެއްފަދަ ނުވާނެ ކަމަށެވެ. އަދި ރަޝިއާ އަކީ ޑިމޮކްރެޓިކް ޤައުމެއް ނޫން ކަމަށާއި އެ ޤައުމުގެ އަސްކަރިއްޔާއަކީ އެއްވެސް އުސޫލެއް ގެންގުޅޭ ބައެއް ނޫން ކަމުގައި ވެސް އެމެރިކާގެ ފަރާތުން ވާހަކަ ދައްކަމުން އެ ޤައުމުގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު މެތިއު މިލަރ ބުނެފައިވެއެވެ.
މެތިއު ބުނީ އެއާ ޚިލާފަށް އިޒްރޭލަކީ ޑިމޮކްރެޓިކް ޤައުމެއް ކަމަށާއި އިޒްރޭލު ސިފައިން އަބަދުވެސް އަމަލު ކުރަނީ ވަކި އުސޫލުތަކެއްގެ މަތީގައި ކަމަށެވެ. ނަމަވެސް މިހާތަނަށް ބައިނަލްއަގުވާމީ ޤާނޫނުތަކާ ޚިލާފަށް އިޒްރޭލު ސިފައިން ދީފައިވާ އެއްވެސް ހަމަލާއަކާ ގުޅިގެން އެ ޤައުމުގެ ސަރުކާރުން އެމީހުންނާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.




