ރިސޯޓުތަކާއި ގެސްޓްހައުސްތަކަށް ލިބޭ ޑޮލަރު ތެރެއިން ވަކި މިންވަރެއް ބޭންކުތަކުން މާރުކުރަންޖެހޭ ގޮތަށް ހެދި ގަވައިދަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަށާއި، ޑޮލަރު މާރު ކުރުމަށް އެއްވެސް ލުޔެއް ނުދޭ ކަމަށް ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
“ ބޭރު ފައިސާއާއި ބެހޭ ބިލް “ ގެ ނަމުގައި ޤާނޫނެއް އެކުލަވާލުމަށްޓަކައި، އާންމުންގެ ހިޔާލަށް ރޭ ހުޅުވާލުމުން، ޑޮލަރު މާރު ކުރުމުގެ ގަވައިދަށް ލުއި ތަކެއް ދީފައިވާ ކަމަށް ވަނީ އަޑު ފެތުރިފައެވެ.
މި ވާޙަކަތައް ދޮގު ކުރައްވާ މިއަދު އެމްއެމްއޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާޙަކަ ދައްކަވަމުން ގަވަރުނަރު މުނައްވަރު ވިދާޅުވީ ޑޮލަރު މާރު ކުރުމުގެ ގަވައިދަށް އެއްވެސް ލުޔެއް ދީފައި ނުވާނެ ކަމަށެވެ، ކުރެވެމުންދާ މަސައްކަތްކީ އެ ގަވައިދަށް ޤާނޫނީ ބާރުވެރިކަން ހޯދުން ކަމަށް ގަވަރުނަރު ވިދާޅުވިއެވެ
ގަވަރުނަރު ވިދާޅުވީ ބޭރު ފޮރިން އެކްސްޗޭންޖުގެ ޤާނޫނެއް ނެތުމުގެ ސަބަބުން އެމްއެމްއޭ އޮތީ ބަނދެވިފައި ކަމަށާއި، ޑޮލަރު މާރު ކުރުމަށް ޤަވައިދު ޤާނޫނަކަށް ބަދަލު ކުރުމުން އެކަމަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ. އަދި މި ޤާނޫނު އެކުލަވާލަނީ ޑޮލަރު މާރު ކުރުމަށް ހެދި ގަވައިދަށާއި އެމްއެމްއޭ އަށް މިހާރު ނެތް އަދި ލިބެން ޖެހޭ ޤާނޫނީ ބާރު ތަކެއް ހޯދުމަށް ކަމަށް ގަވަރުނަރު ފާހަގަ ވިދާޅުވިއެވެ. އަދި ޑޮލަރު މާރު ކުރުމުގެ ގަވައިދަށް ފަތުރުވެރި ނޫން ކެޓަގަރީއެއް އިތުރު ކުރުން ފިޔަވައި އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށް ގަވަރުނަރު ފާހަގަ ކުރެއްވިއެވެ.
އެގޮތުން ޓޫރިޒަމް ދާއިރާގައި ވިޔަފާރިތަކަށް އިންސާފުވެރިވުމުގެ ގޮތުން، އާ ކެޓަގަރީއެއް ވެސް ބޭރު ފައިސާއާއި ބެހޭ ބިލުގައި ހިމަނާފައި ވާނެ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.
މި ކެޓަގަރީގައި ހިމެނެނީ ޓޫރިޒަމް ދާއިރާގައި ނުހިމެނޭ ވިޔަފާރި ތަކެވެ. އެ ފަރާތްތަކުންވެސް، އެއް އަހަރު ތެރޭގައި 20 މިލިއަން ޑޮލަރު ލިބޭ ނަމަ، އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 25 ޕަސެންޓަށް ވުރެ ބޮޑު ނުވާ އަދަދެއް ރާއްޖޭގެ ބޭންކު އެކައުންޓަކަށް ޖަމާކުރަން ޖެހޭ ގޮތަށް މި ބިލުގައި ވަނީ ހިމަނާފައެވެ.
ގަވަރުނަރު ވިދާޅުވީ މި ބޭންކު ކާޑު ތަކުގެ ހިދުމަތް ހުއްޓުނަ ނުދިނުމަށާއި، ބޭރުގައި ކިޔަވާ ކުދިންނަށް ޑޮލަރު ފޯރުކޮށްދިނުމަށްޓަކައި މި ބިލު ޤާނޫނަކަށް ހެދުމަކީ މިވަގުތު ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި މި ޤާނޫނު އެކުލަވާލުމަށް ރައީސް ޑރ. މުއިއްޒު ތާއީދު ކުރެއްވީތީ ރައީސަށް ޝުކުރު ދަންނަވާ ކަމަށްވެސް ގަވަރުނަރު ވިދާޅުވިއެވެ.
“ ބޭރު ފައިސާއާއި ބެހޭ ބިލު “ މިހާރު އޮތް ގޮތުން ޑޮލަރު މާރުކުރުމުން އިސްތިސްނާވާ ފަރާތްތަކުގެ ތެރޭގައި 24 ގަޑި އިރު ހޭދަ ނުކުރާ ފަތުރުވެރިން، ދެ އަހަރުން ދަށުގެ ކުޑަކުދިން، އަދި ހިލޭ (ކޮމްޕްލިމެންޓަރީ) ޗުއްޓީ ހޭދަ ކުރާ ފަރާތްތައް ހިމެނެއެވެ.
ބިލުގައި ޑޮލަރު މާރުކުރުމުގެ އުސޫލާ ހިލާފުވާ ފަރާތްތައް ޖޫރިމަނާ ކުރެވޭ މާއްދާތަކެއްވެސް ވަނި ހިމަނާފައެވެ. އެގޮތުން ޑޮލަރު މާރު ކުރުމަށް ލާޒިމްވާ ޖުމްލަ އަދަދުގެ 0.05 ޕަސެންޓާއި 0.10 ޕަސެންޓާއި ދެމެދު އަދަދަކުން ޖޫރިމަނާ ކުރުމާއި، ޑޮލަރު މާރު ކުރަންޖެހޭ ދުވަހުގެ އިތުރަށް ހިނގާ ކޮންމެ ދުވަހަކަށް ވެސް ޖޫރިމަނާ ހިނގާ ގޮތަށް ބިލުގައި ހިމަނާފައި ވެއެވެ.
ބޭރު ފައިސާއާއި ބެހޭ ބިލް މިހާރު އޮތް ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި ނަމަ، އެ ޤާނޫނުގައިވާ ގޮތަށް އަމަލު ކުރަން ޖެހޭނީ އަންނަ 2025 ވަނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން އަންނަ ފަތުރުވެރިން އަދަދަށެވެ.



