އެއް މަސް ދުވަހުގެ މުއްދަތަކަށް ދިވެހިރާއްޖޭގެ ހައިކޯޓު ރިސެސްއަށް ދާނެ ކަމަށް އެކޯޓުން ހާމަކޮށްފިއެވެ.
ހައިކޯޓު ރިސެސްއަށް ދާނީ އަންނަ މަހުގެ 1 އިން ފެށިގެން 31 ގެ ނިޔަލަށެވެ.
ރިސެސްއަށް ދިޔަނަމަވެސް އެމުއްދަތުގެ ތެރޭގައި ބައެއް ބާވަތްތަކުގެ މައްސަލަތައް ކުރިއަށް ގެންދިއުމަށް އެކޯޓުގެ ފަނޑިޔާރުންގެ އާއްމު މަޖިލީހުން ވަނީ ނިންމާފައެވެ.
އެގޮތުން ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ ޤާނޫނުގައި ވަކި މުއްދަތެއްގެ ތެރޭގައި ނިންމުމަށް ކަނޑައަޅާފައިވާ ބާވަތުގެ މައްސަލަތަކާއި، ޙުކުމްކުރުމަށް ބާއްވާ ޝަރީޢަތުގެ މަޖިލިސްތަކާއި، އަވަސް ޠަބީޢަތު މައްސަލަތައްކަން ހައިކޯޓުން ހާމަކޮށްފައިވެއެވެ.
ކޯޓުތަކުގެ ޤާނޫނުގައިވާ ގޮތުގެމަތިން، ޑިސެމްބަރު އެކަކުން އަންނަ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހާ ހަމައަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުވެސް އޮންނާނީ ރިސެސްގައެވެ. އަދި އެ ޤާނޫނުގައި ބަޔާންކޮށްފައިވާ ޙާލަތުގެ އިތުރަށް، ޤާނޫނުއަސާސީ ނުވަތަ ޤާނޫނެއްގެ ދަށުން ވަކި ކަމެއް ވަކި މުއްދަތެއްގެ ތެރޭގައި ނިންމަންޖެހޭކަމަށް ބަޔާންކޮށްފައިވާ ޙާލަތްތައް ފިޔަވައި، ރިސެސްގެ މުއްދަތުގައި ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ އެއްވެސް އަޑުއެހުމެއް ނޯންނާނެކަން އެކޯޓުންވަނީ ހާމަކޮށްފައެވެ.




