ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން މަސައްކަތްކުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ބުނިގޮތުގައި މި ތަކެތި އަތުލައިގެންފައިވަނީ 2026 އޮކްޓޫބަރ 29 ވަނަ ދުވަހު ޕޯސްޓް އޮފީސް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލައިފާސްކުރުމުގެ ތެރޭގަ އެވެ.
އެ ޕެކޭޖު ބަލައިފާސްކުރަމުން ދިޔައިރު، އޭގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރި ކަމަށް ކަސްޓަމްސްގެ އޮފިސަރުންނަށް ޝައްކުކުރެވިގެން އިތުރަށް ބަލައިފާސްކުރިއިރު ފެނިފައިވަނީ ސިންތެޓިކް ކެތިނޯން އެވެ. މި ތަކެތީގެ ބަރުދަނުގައި ޖުމްލަ 2،123 ގްރާމް ހުރި ކަމަށް ކަސްޓަމްސްއިން މައުލޫމާތުދެއެވެ.
ކަސްޓަމްސް އިން ބުނީ މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.



