އަލަށް ރިޓަޔާ ކުރާ މީހުންނަށް ކޮންމެ މަހަކު ދޭ އެލަވަންސް އަންނަ އަހަރުގެ 1 ޖަނަވަރީން ފެށިގެން ހުއްޓާލަން ސަރުކާރުން ނިންމައިފިއެވެ.
މިގޮތަށް ނިންމައި، ފިނޭންސް މިނިސްޓަރު އަދި ނޭޝަނަލް ޕޭ ކޮމިޝަންގެ ރައީސް މޫސާ ޒަމީރު ސޮއި ކުރައްވާ ސަރުކާރު އޮފީސްތަކަށް ފޮނުވި ސިޓީއަކުން މިދިޔަ އަންގާރަ ދުވަހު ވަނީ އަންގާފައެވެ.
އެ ސިޓީގައި ބުނެފައިވަނީ ސަރުކާރުގެ އިކޮނޮމިކް ރިފޯމް އެޖެންޑާގެ ހަރަދު ކުޑަ ކުރުމުގެ ސިޔާސަތުތަކުގެ ތެރެއިން މާލީ ނިޒާމް ހަރުދަނާކުރުމަށްޓަކައި މިހާރު އަމަލުކުރަމުންދާ ގޮތަށް ބައެއް އިސްލާހުތައް ގެނައުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން ދައުލަތުގެ ވަޒީފާތަކުން މުސްކުޅި ކުރާ މުވައްޒަފުންނަށް މަހުން މަހަށް ދޭ އެލަވެންސް ޖެނުއަރީ 1 އިން ފެށިގެން އަލަށް ވަޒީފާއިން މުސްކުޅި ކުރާ މުވައްޒަފުންނަށް ދިނުން ހުއްޓާލުމަށް ނިންމާފައިވާ ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.
ނަމަވެސް މި އަހަރުގެ ޑިސެންބަރު 31 ގެ ނިޔަލަށް ވަޒީފާއިން މުސްކުޅިވެ މަހުން މަހަށް އެލަވެންސް ލިބެމުންދާ މުވައްޒަފުންނަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށާއި މަހުން މަހަށް ލިބެމުންދާ އެލެވެންސް ލިބެމުންދާނެ ކަމަށް އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.
މީގެއިތުރުން އިދާރާތަކުން އެ އެލަވެންސް ދިނުމުގައި އަމަލުކުރާ ގަވާއިދަށް ގެންނަންޖެހޭ އިސްލާހުތައް ގެނެސް, ޖެނުއަރީ 1 ފެށިގެން ތަންފީޒުކުރުމުގެ ގޮތުން ގަވާއިދަށް ގެންނަ ބަދަލުތަކާއެކު ގެޒެޓްކުރުމުގެ ހުއްދައަށް އެދި ފިނޭންސް މިނިސްޓްރީއަށް ހުށަހަޅާ, އަންނަ މަހުގެ 15 ގެ ކުރިން އެ އިސްލާހު ގެޒެޓްކޮށް ނިންމަންވާނެ ކަމަށް ވެސް އެސިޓީގައި ބަޔާންކޮށްފައިވެއެވެ.




