ފައިސާ ނުދީފިނަމަ މަންމައާއި ކޮއްކޮއަށް ވަޅިން ހަމަލާދޭނެކަމަށް ބުނެ އިންޒާރުދިން މީހަކު ހައްޔަރުކޮށްފިއެވެ.
މިމައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ މާލެއަށް ނިސްބަތްވާ މުޙައްމަދު ޝަފީގު ކިޔާ މީހެކެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، ހަތް ދުވަހަށް އޭނާ ބަންދު ކުރަން އެ ކޯޓުން ވަނީ މިއަދު އަމުރުކޮށްފައެވެ.
ކޯޓު އަމުރުގައި ބުނެފައިވާ ގޮތުގައި، ފައިސާ ނުދީގެން މަންމައާއި ކޮއްކޮއަށް ވަޅިން ހަމަލާދޭނެ ކަމަށް ބުނެ ޝަފީގު އިންޒާރު ދީފައިވާއިރު، އޭނާގެ ކޮޓަރި ތެރެއިން ދެ ވަޅިވެސް ފެނިފައިވެއެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައިވަނީ ޝަފީގު ބަންދުކުރަން އަމުރުކޮށްފައިވަނީ އޭނާ ދޫކޮށްލާފައި ބަހައްޓައިފިނަމަ މުޖުތަމައުއަށް ނުރައްކަލަކަށް ވެދާނެ ކަމަށެވެ.
މިފަހަކަށް އައިސް ފައިސާގެ ދަހިވެތިކަމުގައި މައިންބަފައިންނަށާއި އާއިލާ މީހުންނަށް އަދި އެނޫންވެސް އާންމު ފަރާތްތަކަށް ބިރުދައްކައިގެން ފޭރެން މަސައްކަތް ކުރުމުގެ މައްސަލަތައް ދަނީ ފެންމަތިވަމުންނެވެ.



