ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓަކާ ގުޅިގެން ފުލުހަށް ހާޒިރު ކުރުމަކީ ޑިމޮކްރެސީގައި ފަހަތަށް އެޅޭ ފިޔަވަޅެއް ކަމުގައި ކުރީގެ ރައީސް އަދި އިދިކޮޅު އެމްޑީޕީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް މިހެން ވިދާޅުވެފައިވަނީ އެމްޑީޕީގެ އެކްޓިވިސްޓެއް ކަމުގައިވާ ހުސެއިން ޝިފާއު (ތުއްތު) ”އެކްސް“ ގައި ކުރި ޕޯސްޓަކާ ގުޅިގެން ފުލުހަށް ހާޒިރު ކުރުމަށް އެންގުމާ ގުޅިގެންނެވެ.
ތުއްތު ކުރި ޕޯސްޓެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް ހަޑިހުތުރު ބަހުން މުހާތަބުކޮށް ބުނެފައިވަނީ 270 ރުފިޔާއަށް ސިގިރޭޓު ވިއްކި ކަމުގައިވިޔަސް އޭނާ އޭތި ގަތް ކަމަށާއި ”މަށަށް ކަލޭ މަގެއް މަތިން ނުފެންނާތި“ މިފަދައިންނެވެ.
މިފަދަ އިބާރާތަކީ ބިރުދެއްކުމުގެ އިބާރާތަކަށްވުމުގެ އިތުރުން މަރުގެ އިންޒާރު ދިނުންފަދަ ޢަމަލަކަށްވާތީ، އެ ޕޯސްޓާ ގުޅޭގޮތުން ސުވާލު ކުރުމަށް މިހާރު ތުއްތުއަށް ވަނީ ފުލުހަށް ހާޒިރުވާން ޗިޓު ފޮނުވާފައެވެ.
މިކަން ހާމަ ކުރައްވާ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން އިއްޔެ އެކްސް މެދުވެރިކޮށް ވިދާޅުވީ އެ ޕޯސްޓުގައި ލިޔެފައި އޮތީ ”މަށަށް ކަލޭ މަގެއްމަތިން ނުފެއްނާތި!“ ކަމަށާއި، އެ ޖުމްލައިން ކޮންމެވެސް މީހަކަށް ނިސްބަތްކޮށް އެމީހަކު މަގެއްމަތިން ފެނިއްޖެނަމަ އެމީހަކަށް ޖިސްމާނީގޮތުން ގެއްލުމެއް ދީފާނެކަމަށް ދޭހަވާގޮތަށް އޮތުމުން މިކަމުގެ ތަފްސީލު ހޯދާ މިކަން ސާފުކުރުމަކީ ކަމާބެހޭ އިދާރާތަކުން ކޮންމެހެން ކުރަންޖެހޭކަމެއް ކަމަށެވެ.
މިކަމާ ގުޅިގެން ރައީސް ޞާލިޙު ވެސް އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓުތަކަށް ފުލުހަށް ހާޒިރުކުރުމާއި ކައުންސިލްތަކަށް އިންޒާރުގެ ސިޓީ ފޮނުވުމަކީ ދިވެހި ރައްޔިތުންގެ ބުރަ މަސައްކަތުން ހޯދި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި ޑިމޮކްރަސީގައި ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށެވެ. އަދި ސަރުކާރަށް ފާޑުކިޔުން އަމާޒުކުރުމަކީ ކުށެއްގެ ގޮތުގައި ހަދައި އަދަބު ދިނުމުގެ ބިރުވެރި މާޒީ އަލުން އިއާދަކުރަން ސަރުކާރުން މަސައްކަތްކުރުމަކީ ކަންބޮޑުވާކަމެއް ކަމުގައިވެސް ވިދާޅުވެފައިވެއެވެ.
ރައީސް ޞާލިޙު މިހެން ވިދާޅުވެފައިވާއިރު، އެމަނިކުފާނުގެ ވެރިކަމުގައި ވެސް ބައެއް ރައްޔިތުން ސަރުކާރާ ދެކޮޅަށް ސޯޝަލް މީޑިއާގައި ހިޔާލުފާޅު ކުރުމުން، ފުލުހަށް ހާޒިރު ކޮށްފައިވާކަމަށް ބައެއް ފަރާތްތަކުން ކޮމެންޓު ކޮށްފައި ހުއްޓެވެ. އަދި ޖުޑިޝަރީގެ އިދާރީ މުވައްޒަފަކު ސަރުކާރާ ދެކޮޅަށް ޓްވީޓުކޮށްގެން ވަޒީފާއިން ވެސް ވަކިކޮށްފައިވާކަން ވެސް ފާހަގަކޮށްފައިވެއެވެ.



