ސިއްހީ ހާލުކޮޅު ހުރިގޮތުން މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއާރ ޑރ. އާއިޝަތު ރަމީލާ، އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
މިކަން ހާމަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ މިނިސްޓަރ ރަމީލާގެ ޞިއްޙީ ޙާލުކޮޅު ހުރިގޮތުން މިނިސްޓަރުކަމުގެ މަޤާމުން އިސްތިޢުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާތީ، އެކަން އެމަނިކުފާނު ޤަބޫލުފުޅު ކުރައްވަވާ ކަމަށެވެ.
ޑރ. ރަމީލާ އަލާސްކަންފުޅުގައި އުޅުއްވަމުންވެސް މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ ހައިސިއްޔަތުން، ދިވެހިރާއްޖޭގެ ޤާނޫނީ ވެރިކަން ކުރިއަރުވައި އެންމެހާ ރައްޔިތުންނަށް ލާބައާއި ފާގަތިކަން ހޯދައިދެނިވިމަގުން ދައުލަތުގެ ކަންތައްތައް ރަނގަޅަށް ހިންގުމުގައި އެހީތެރިވުމަށް ރައީސްއަށް ދެއްވި އެއްބާރުލެއްވުމަށާއި، ތެދުވެރިކަމާއި ވިސްނުންތެރިކަމާއެކު، ސަރުކާރަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކަށްޓަކައި ވަރަށް އިޚްލާޞްތެރިކަމާއެކު އެމަނިކުފާނު ވަނީ ޝުކުރުއަދާ ކުރައްވާފައެވެ. އަދި ޑރ. ރަމީލާ ފަދަ ހީވާގި އަމާނާތްތެރި ޤާބިލު ބޭފުޅަކު ވަޒީރުންގެ މަޖިލީހުގައި ހިމެނުމަކީ އެމަނިކުފާނަށް ލިބިލެއްވި ވަރަށް ބޮޑު އުފަލެއް ކަމަށާއި ކުރިއަށް އޮތްތާނގައިވެސް އެކަމަނާގެ ޚިދުމަތް ދިވެހި ޤައުމަށް ލިބޭނެކަން ރައީސް މުޢިއްޒު ދެއްވާ ކަމުގައިވެސް ރައީސްގެ ނޫސްބަޔާނުގައި ވިދާޅުވެފައިވެއެވެ.
”އަޅުގަނޑުގެ ދުޢާއަކީ، ޑޮކްޓަރ ޢާއިޝަތު ރަމީލާގެ ސާބިތުކަމާއި ކެތްތެރިކަން އިތުރު ކުރައްވައި މާތްﷲ ގެ ތަނަވަސް ރަޙުމަތްފުޅުން ޑޮކްޓަރ ޢާއިޝަތު ރަމީލާއަށް އަވަސް އަދި ދާއިމީ ޝިފާއެއް މިންވަރު ކުރައްވައި އަދަށްވުރެ އުފާވެރި ފާގަތި މުސްތަޤުބަލެއް މިންވަރުކުރެއްވުން“ ރައީސްގެ ނޫސްބަޔާން ނިންމަވާލައްވަމުން ވިދާޅުވެފައިވެއެވެ.
ކެންސަރު ބައްޔަށް ފަރުވާ ކުރެއްވުމަށް މިދިޔަ އަހަރު ފަހުކޮޅު މިނިސްޓަރު ރަމީލާ ވަނީ ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފައެވެ. އެއަށްފަހު އެ މިނިސްޓްރީ ހިންގެވުމާ ވަގުތީގޮތުން ހަވާލުވެލެއްވީ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫންއެވެ.



