އުމުރުން ދުވަސްވީ މީހުންނަށްދޭ 5000 ރުފިޔާ ކަނޑާނުލާނެ ކަމަށާއި އެ ނިޒާމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދެއްވައިފިއެވެ.
އެގޮތުން ސަރުކާރުން ބުނީ ވަޒީފާއިން ރިޓަޔަރވުމުންނާއި، ވަކި ޢުމުރެއް ހަމަވުމުން ސަރުކާރުން ދެއްވާ އިނާޔަތް ނުވަތަ ޕެންޝަން ނިޒާމު އިސްލާޙުކުރުމަށްކުރާ މަސައްކަތުގެ ތެރެއިން 65 އަހަރުވުމުން ސަރުކާރުންދޭ ”ޢުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަން“ ނިޒާމަށް އެއްވެސް ބަދަލެއް ނާންނާނެކަމަށާއި ކުރިއަށްއޮތްތަނުގައިވެސް 65 އަހަރުފުރުމުން ލިބޭ 5،000 ރުފިޔާ ހަމައެގޮތުގައި ލިބެމުންދާނެކަމަށެވެ.
ސަރުކާރުން މިހެން ބުނެފައިމިވަނީ ޕެންޝަން ނިޒާމަށް ސަރުކާރުން ގެންނަވާ ބަދަލުތަކުގެ ތެރެއިން 65 އަހަރުފުރުމުން ސަރުކާރުންދޭ އިނާޔަތް ނުދިނުމަށް ނިންމަވާފައިވާފަދަ މޭރުމަކުން ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ވާހަކަތަކަކާ ގުޅިގެން އެކަން ރައްޔިތުންނަށް ސާފުކޮށްދެމުންނެވެ.
ރާއްޖޭގައި ޕެންޝަނާބެހޭ ޤާނޫނެއް ވުޖޫދުވީ 2008 ވަނަ އަހަރު އެކުލަވާލި ފެހި ޤާނޫނުއަސާސީއާ އެކުގައެވެ. އެއާއެކު 2009ވަނަ އަހަރު މަލްޓިޕިލަރ ޕެންޝަން ނިޒާމެއް ރާއްޖެއަށް ތަޢާރަފުވިއެވެ. މި ނިޒާމުގައި ހިމެނެނީ މައިގަނޑު ދެ ޕެންޝަން ސްކީމެކެވެ. އެއީ މޯލްޑިވްސް ރިޓަޔަރމެންޓް ޕެންޝަން ސްކީމާއި ޢުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަން ސްކީމެވެ.




