ރާއްޖެއަކީ އަބަދުވެސް ގިނަ ފަތުރުވެރިން އެންމެ ގިނައިން ދަތުރުކުރާ އެއް މަންޒިލެވެ. ގުދުރަތީ ރީތިކަމުގެ ސަބަބުން އަޅުގަނޑުމެންގެ ދިވެހި މިފަސްގަނޑު ވަނީ މުޅި ދުނިޔެއަށް ވެސް ނަން މަޝްހޫރުވެފައެވެ. އޭގެ ނަތީޖާއަކީ ފަތުރުވެރިކަމުގައި ދުނިޔޭގެ ނަން މަޝްހޫރު އެހެން ބޮޑެތި ޤައުމުތަކާ ވާދަކޮށް، ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން އެވޯޑު ރާއްޖެއަށް ވިދިވިދިގެން ފަސް އަހަރު ލިބުމާއި ފުރަތަމަ ފަހަރަށް ވޯލްޑްސް ގްރީން ޑެސްޓިނޭޝަން އެވޯޑު ވެސް ދާދި ފަހުން ރާއްޖެއަށް ލިބުމެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެއަށް ލިބިފައިވާ ކާމިޔާބު މިހާ ހިސާބުން ނިމުނީކީ ނޫނެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުގައި، ޚާއްސަކޮށް އެމެރިކާ، ޔޫރަޕްފަދަ ބޮޑެތި ޤައުމުތަކުގެ ރައްޔިތުން މިހާރު ޗުއްޓީ ހޭދަކޮށްލަން އެންމެ ޒިޔާރަތް ކުރަން ބޭނުންވަނީ ވެސް އިރެއްގައި އެމީހުން ”ސްމޯލް އައިލެންޑްސް“ ނުވަތަ ”ކުދިކުދި ރަށްތަކެކޭ“ ބުނެ ދިމާކުރި ދިވެހިރާއްޖެއަށެވެ. އެގޮތުން އޮސްޓްރޭލިއާގެ 55އަހަރުން މަތީގެ ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތް ކުރާނީ ރާއްޖެއަށްކަން މިހާރު ވަނީ ސާބިތުވެފައެވެ.
މިކަން އޮސްޓްރޭލިއަން ވިމަންސް ވީކްލީ ނޫހުން، ދުނިޔޭގެ ފަތުރުވެރިކަމާ ގުޅޭގޮތުން ދާދި ފަހުން ލިޔެފައިވާ ރިޕޯޓުން ވެސް ހާމަވެގެން ގޮސްފިއެވެ. އެގޮތުން އެ ރިޕޯޓުގައި އެމީހުން ބުނެފައިވަނީ އުމުރުން 55 އަހަރުގެ މީހުން. ޚާއްސަކޮށް އޮސްޓްރޭލިއާގެ ފަތުރުވެރިން، އަންނަ އަހަރު އެންމެ ދަތުރުކުރާ ހިތްވާ ނުވަތަ ޗުއްޓީ ހޭދަކުރާ ހިތްވާ ޤައުމަކީ ރާއްޖެ ކަމަށެވެ. މީގެކުރިން އެ އުމުރުގެ މީހުން އެންމެ ގިނައިން ޒިޔާރަތް ކޮށްފައިވަނީ އެމެރިކާގެ ކުކް އައިލެންޑްސް، ސްވިޒަލޭންޑް، އަދި ހޮންގް ކޮންގް އަށެވެ. ނަމަވެސް ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރާފައިވާ މިންވަރުންނާއި ގުދުރަތީ ރީތިކަމުގެ ސަބަބުން މިހާރު އެމީހުންގެ ޤައުމުތަކުގެ އެ އުމުރުފުރައިގެ މީހުން ޗުއްޓީ ހޭދަކުރަން އަންނަން ބޭނުންވަނީ ރާއްޖެއަށްކަން ޚުދު އެމީހުން ހެދި ތަފާސްހިސާބުތަކުން މިވަނީ ހާމަވެފައެވެ.
އެގޮތުން އެމީހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އޭޝިއާ ބައްރުގައި އޮތް އެންމެ ކުޑަ ޤައުމުކަމުގައިވާ އަޅުގަނޑުމެންގެ މި ދިވެހިރާއްޖެ މިހާރު މިވަނީ ފަތުރުވެރިންގެ ހިތްތަކުގައި 257 އިންސައްތައަށް މަގުބޫލުކަން ހޯދާފައެވެ. މިއާއެކު މީގެކުރިން އެންމެ ގިނަ ބަޔަކު ޒިޔާރަތްކުރި ކުކް އައިލެންޑްސް މިވަނީ 97 އިންސައްތައިގެ ވެއްޓުމަކަށް ގޮސްފައެވެ. އަދި ނައުރޫ 79 އިންސައްތައިގެ ވެއްޓުމަކަށް ގޮސްފައިވާއިރު ޓޮންގޯ ވަނީ ދަތުރުވެރިންގެ މަގުބޫލުކަމުން 84 އިންސައްތައިގެ ވެއްޓުމަކަށް ގޮސްފައެވެ.
ދަތުރުވެރިންގެ މަގުބޫލުކަމުގެ ލިސްޓަށް ބަލާއިރު 257 އިންސައްތައާއެކު އޮތީ އަޅުގަނޑުމެންގެ ދިވެހިރާއްޖެއެވެ. ރާއްޖެއާ ވާދަކޮށް ދެވަނައަށް އޮތީ ބަންގްލަދޭޝް އެވެ. އެއީ މަގުބޫލުކަމުގައި 165 އިންސައްތައާއެކުގައެވެ. މީގެއިތުރުން 145 އިންސައްތައާއެކު މި ލިސްޓުގެ ތިންވަނައިގައި އޮތީ ކޮލަމްބިއާ އެވެ.
މަގުބޫލުކަން ގެއްލިފައި ނުވަތަ ވެއްޓިފައި އޮތް ލިސްޓަށް ބަލާއިރު 97 އިންސައްތައިގެ ވެއްޓުމަކާއެކު އޮތީ ކުކް އައިލެންޑްސް އެވެ. މި ލިސްޓުގައި 95 އިންސައްތައިގެ ވެއްޓުމަކާއެކު އޮތީ ޗައިނާއެވެ. ރާއްޖެއަށް ޗައިނާގެ ގިނަ ފަތުރުވެރިން ވެސް ޒިޔާރަތް ކުރާކަން ފާހަގަވެއެވެ. މިލިސްޓުގެ ތިންވަނައިގައި 91 އިންސައްތައިގެ ވެއްޓުމަކާއެކު އޮތީ ސްވިޒަލޭންޑް އެވެ.




