އިޒްރޭލު ސިފައިން ޣައްޒާއަށް ބޮމުގެ އިތުރު ހަމަލާތަކެއްދީ ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން މަރާލައިފިއެވެ.
ބޭރުގެ ރިޕޯޓުތަކުން ބުނާ ގޮތުގައި އިޒްރޭލުން އިއްޔެ ހަމަލާދީފައިވަނީ ޣައްޒާގެ ”ރައްކާތެރި ސަރަހައްދުގެ“ ގޮތުގައި ފާހަގަ ކޮށްފައިހުރި އަލް-މަވާސީ ސަރަހައްދަށެވެ.
އެތަނަށް ހަމަލާދީ، ރައްކާތެރިކަން ހޯދުމަށް އެ ސަރަހައްދުގެ ޓެންޓުތަކުގައި ތިބި ފަލަސްތީނުގެ އެތައް ބައިވަރު އަންހެނުންނާއި ކުޑަކުދިން މިހަމަލާގައި އިޒްރޭލުން ވަނީ މަރާލާފައެވެ. މިހަމަލާތަކުގެ ސަބަބުން ޣައްޒާގެ ކުޑަކުދިންތަކެއްގެ ހަށިގަނޑުގެ އެކިބައިތައް އެކި ތަންތަނަށް ބުރައިގެން ގޮސްފައި ވަނިކޮށް ވަނީ ފެނިފައެވެ.
މިހަމަލާތަކުގެ ސަބަބުން ޖުމްލަ 25 މަރު ރިޕޯޓު ކޮށްފައިވެއެވެ. އަދި ގިނަ އަދަދެއްގެ ފަލަސްތީނު ރައްޔިތުން ވަނީ މި ހަމަލާތަކުގެ ސަބަބުން ޒަހަމްވެފައެވެ.
މިފަދަ ލާއިންސާނީ ގަތުލުއާންމުތަކެއް ކުރަމުން، އިޒްރޭލުން އަބަދުވެސް ބުނަމުން އަންނަނީ އެމީހުން ހަމަލާ ދެނީ ހަނގުރާމަވެރި ހަމާސް ޖަމާއަތުގެ ސިއްރު ބައްދަލުވުންތައް ހިންގާ ސަރަހައްދުތަކަށް ކަމަށާއި ހަމަލާ ދިނުމުގެ ކުރިން އެސަރަހައްދަކުން އާންމު ރައްޔިތުން ދިޔުމަށް އަބަދުވެސް ގޮވާލާ ކަމަށެވެ. ނަމަވެސް ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި އިޒްރޭލުން މިފަދަ އެއްވެސް ކަމެއް ކޮށްފައެއް ނުވެއެވެ. އަދި ހަމާސް ޖަމާއަތުގެ ބަޔަކު ތިބިކަން، ހަމަލާ ދިނުމުގެ ކުރިން ޔަގީން ނުކުރާ ކަމަށް ވެސް ބުނެފައިވެއެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 އިން ފެށިގެން މެދުކެނޑުމެއް ނެތި އިޒްރޭލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 44,532 ރައްޔިތުން ވަނީ މަރުވެފައެވެ. އަދި 105,538 ރައްޔިތުން ޒަހަމްވެފައިވެއެވެ.




