މާފަންނު މަދަރުސާގެ ދަރިވަރުން އެދުނު ގޮތަށް އެ ސްކޫލުގެ ތިރީ ބުރީގައި އަންނަ އަހަރު ހޯލެއް އަޅައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ މާފަންނު މަދަރުސާގެ 40 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެ ސްކޫލުގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަގުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.
އެރަސްމިއްޔާތުގައި އެ ސްކޫލުގެ ތުއްތު ދަރިވަރުންތަކެއް ވަނީ، ތިރީބުރީގައި ހޯލެއް ނެތުމުން އެކަމުގެ ކަންބޮޑުވުން ރައީސް އަރިހު ފާޅުކޮށްފައެވެ.
އެރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ މާފަންނު މަދަރުސާއަށް 40 އަހަރު ފުރުމުގެ ރަސްމިއްޔާތުގައި ބައިވެެރިވެވަޑައިގަތުމަކީ އެ މަނިކުފާނަށް ލިބިވަޑައިގަތް ވަރަށް ބޮޑު އުފަލެއް ކަމަށާއި މާފަންނު މަދަރުސާއިން ތައުލީމު ހާސްކޮށްފައިވާ ދަރިވަރުން ދަނީ މިއަދު އެކިއެކި ދާއިރާތަކުން ޤައުމަށް ވަރަށް މުހިންމު ޚިދުމަތްތަކެއް ކޮށްދެއްވަމުން ކަމަށެވެ.
”މިއަންނަ އަހަރު މި ސްކޫލްގައި ތުއްތު ކުދިންގެ މާމައިންނާއި ކާފައިންނަށް ފަސޭހައިން ވަދެވޭގޮތައް ބިންމަތީގައި ހުންނަ ހޯލެއް ހަސައިދޭނެކަމުގެ ޔަޤީންކަން“ ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި މާފަންނު މަދަރުސާއަކީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ވަރަށް ލޯތްބާއި ކުލުނާއި އެކީގައި އެހީތެރިކަން ދެމުންދާ ސްކޫލެއްކަންވެސް ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށްވެސް އެހެން ކުދިންނެކޭ އެއްގޮތައް ކިޔެވުމުގެ މަގު ފަހިކޮށްދިނުމަށް ސެން ޓީޗަރުން ތަމްރީންކުރުމުގެ ޕްރޮގްރާމެއް ފެށުމަށް ސަރުކާރުން ތައްޔާރުވެފައިވާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.



