ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އއ. ތޮއްޑޫއަށް ވަޑައިގަތުމުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް އެރަށުގެ ރައްޔިތުން ކިޔައިފިއެވެ.
ރައީސްގެ މިދަތުރުފުޅަކީ އއ. އަތޮޅާއި ކ. އަތޮޅުގެ ބައެއް ރަށްތަކުގެ ހާލަތު ބައްލަވާލެއްވުމަށް އެމަނިކުފާނު މިއަދު ހެނދުނު ފެއްޓެވި ދަތުރުފުޅެކެވެ.
އެގޮތުން ތޮއްޑޫއަށް ވަޑައިގެން އެމަނިކުފާނު ވަނީ އއ ތޮއްޑޫ ކައުންސިލް އާއި އަދި އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާ ވެސް މިހާރު ބައްދަލު ކުރައްވާފައެވެ.

ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާ، އަތޮޅުތަކާ ރަށްތަކާ ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ އަދި އ.ތ.މ. ކޮމިޓީތަކާ ބައްދަލުކުރެއްވުމަށް އެމަނިކުފާނު މިއަހަރު ފަށްޓަވައިގެން ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގައި ރައްޔިތުންގެ ހާލުއަހުވާލު ބައްލަވައި ތަރައްޤީގެ މަޝްރޫޢުތައް ތަރުތީބުކުރާނޭގޮތާއިމެދު މަޝްވަރާކުރައްވާނެއެވެ.
ރައީސް މުޢިއްޒު ވިދާޅުވެފައި ވަނީ، އެމަނިކުފާނުގެ އަމާޒަކީ، މި ފަސްއަހަރުގެ ތެރޭގައި ރާއްޖޭގެ ކޮންމެ ރަށަކަށްވެސް މަދުވެގެން ދެ ފަހަރު ޒިޔާރަތްކުރެއްވުމަށް މަސައްކަތްޕުޅު ކުރެއްވުން ކަމަށެވެ.


