ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އއ. ތޮއްޑޫއަށް ވަޑައިގެން، އެރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި، އަދި ރައްޔިތުންނާ މަޝްވަރާ ކުރައްވައިގެން ރަށުގެ ތަރައްޤީގެ ކަންކަން ބައްޓަން ކުރައްވާތީ އެމަނިކުފާނަށް އެރަށު ކައުންސިލުން ތައުރީފު ކުރައްވައިފިއެވެ.
އއ. އަތޮޅާއި ކ. އަތޮޅުގެ ބައެއް ރަށްރަށުގެ ކަންކަން ހުރިގޮތް ބައްލަވާލެއްވުމަށް ރައީސް ފުރާވަޑައިގެންނެވީ މިއަދު ހެނދުނުއެވެ. އެގޮތުން މިވަގުތު އެމަނިކުފާނު ހުންނެވީ އއ. ތޮއްޑޫގައެވެ. އެރަށަށް ވަޑައިގަތުމުން ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެމަނިކުފާނަށް މަރުހަބާ ކިޔާފައެވެ.
ތޮއްޑޫއަށް ވަޑައިގެން އެމަނިކުފާނު ވަނީ އއ ތޮއްޑޫ ކައުންސިލް އާއި އަދި އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާ ވެސް މިހާރު ބައްދަލު ކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ޞިއްޙީ ޚިދުމަތް ދިނުމުގައި ހުރި ގޮންޖެހުންތައް ފާހަގަކުރައްވައި، މިހާރަށްވުރެ ފެންވަރު ރަނގަޅު ޞިއްޙީ މަރުކަޒެއް ޤާއިމުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ތޮއްޑޫގެ ސްކޫލުގެ ޖާގައިގެ ދަތިކަމާއި، ތޮއްޑޫގެ އިޤްތިޞާދު ރަނގަޅުކުރުމަށް ފައިނޭންސް ލިބޭނެ އިތުރު އިންތިޒާމުތައް ހަމަޖައްސަވައިދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ވިދާޅުވީ އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ކަންކަން ބަޖެޓުގައި ހިމަނުއްވައިގެން ކުރިއަށްގެންދަވާނެކަމުގައެވެ. އަދި ރަށުގެ މަގު ހެދުމުގެ މަޝްރޫޢުވެސް ކުރިއަށް ގެންދަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ މި ބައްދަލުކުރެއްވުމުގައި ތޮއްޑޫގެ ތަރައްޤީއަށް ކުރިއަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ހިއްސާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމަށްފަހު ރައީސް މުއިއްޒު ވަނީ ތޮއްޑޫ ކައުންސިލްގެ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.

ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާ، އަތޮޅުތަކާ ރަށްތަކާ ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ އަދި އ.ތ.މ. ކޮމިޓީތަކާ ބައްދަލުކުރެއްވުމަށް އެމަނިކުފާނު މިއަހަރު ފަށްޓަވައިގެން ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގައި ރައްޔިތުންގެ ހާލުއަހުވާލު ބައްލަވައި ތަރައްޤީގެ މަޝްރޫޢުތައް ތަރުތީބުކުރާނޭގޮތާއިމެދު މަޝްވަރާކުރައްވާނެއެވެ.
ރައީސް މުޢިއްޒު ވިދާޅުވެފައި ވަނީ، އެމަނިކުފާނުގެ އަމާޒަކީ، މި ފަސްއަހަރުގެ ތެރޭގައި ރާއްޖޭގެ ކޮންމެ ރަށަކަށްވެސް މަދުވެގެން ދެ ފަހަރު ޒިޔާރަތްކުރެއްވުމަށް މަސައްކަތްޕުޅު ކުރެއްވުން ކަމަށެވެ.




1 Comment
ޒިޔާރަތް ކުރަންވީކީ ނޫން. ތިވެސް ބޭކާރު ހަރަދު. ކަންކަން ކުރެވޭނެ މިޔޮއްފަދަ ޒަމާނުގަ. ތަނަކަށް ނުދިޔަސް. ކޮއްފަ ތަންތައް ހުޅުވަން ދޭބަލަ. މި އުޅެނީ ހިޔާލު ނުދެވިގެންނެއް ނޫން. މިއުޅެނީ ކަމެއް ނުވެގެން.