ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އއ. ރަސްދޫއަށް ވަޑައިގަތުމުން އެރަށުން ވެސް އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
ރައީސްގެ މިދަތުރުފުޅަކީ އއ. އަތޮޅާއި ކ. އަތޮޅުގެ ބައެއް ރަށްތަކުގެ ހާލަތު ބައްލަވާލެއްވުމަށް އެމަނިކުފާނު މިއަދު ހެނދުނު ފެއްޓެވި ދަތުރުފުޅެކެވެ.
އެގޮތުން ރައީސްގެ މިދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ އެ އަތޮޅު ތޮއްޑޫ އަށެވެ. ތޮއްޑޫއަށް ވަޑައިގެން އެމަނިކުފާނު ވަނީ އެރަށު ކައުންސިލާއި އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާ ވެސް ބައްދަލު ކުރައްވާފައެވެ. އަދި ތޮއްޑުގެ ބައެއް ރައްޔިތުންނާ ވެސްް ރައީސް މުޢިއްޒު ބައްދަލުކުރައްވާ ވާހަކަ ދައްކަވާފައިވެއެވެ.
ތޮއްޑޫއަށްފަހު މިހާރު އެމަނިކުފާނު ހުންނެވީ ރަސްދޫގައެވެ.
ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާ، އަތޮޅުތަކާ ރަށްތަކާ ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ އަދި އ.ތ.މ. ކޮމިޓީތަކާ ބައްދަލުކުރެއްވުމަށް އެމަނިކުފާނު މިއަހަރު ފަށްޓަވައިގެން ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގައި ރައްޔިތުންގެ ހާލުއަހުވާލު ބައްލަވައި ތަރައްޤީގެ މަޝްރޫޢުތައް ތަރުތީބުކުރާނޭގޮތާއިމެދު މަޝްވަރާކުރައްވާނެއެވެ.
ރައީސް މުޢިއްޒު ވިދާޅުވެފައި ވަނީ، އެމަނިކުފާނުގެ އަމާޒަކީ، މި ފަސްއަހަރުގެ ތެރޭގައި ރާއްޖޭގެ ކޮންމެ ރަށަކަށްވެސް މަދުވެގެން ދެ ފަހަރު ޒިޔާރަތްކުރެއްވުމަށް މަސައްކަތްޕުޅު ކުރެއްވުން ކަމަށެވެ.



