އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެކޮމިޝަންގެ ނައިބު ރައީސް އަބްދުލްސަލާމް އާއި މެންބަރު ތޯހާ މުހައްމަދުގެ އިތުބާރު ނެތްކަމަށް ބުނެ މަގާމުން ވަކިކުރަން އުޅުމުން، އެ ދެބޭފުޅުން ވެސް ވަނީ މިދިޔަ މަހު އިސްތިއުފާ ދެއްވާފައެވެ. އެހެންކަމުން މި ދެ މަގާމު މިވަގުތު ހުރީ ހުސްކޮށެވެ.
ރައީސް އޮފީހުން މިއަދު ކުރެއްވި އިއުލާނެއްގައި ވިދާޅުވެފައިވަނީ، އޭސީސީގެ ދެ މެންބަރުން އިސްތިއުފާ ދެއްވުމާ ގުޅިގެން ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި އެ ފުރުސަތު ހުޅުވާލެވިފައިވަނީ މި މަހުގެ 16 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް ކަމަށް ވެސް އެ އިއުލާނުގައި ވިދާޅުވެފައިވެއެވެ.
އެ އިއުލާނުގައިވާ ގޮތުން މެންބަރު ކަމަށް ކުރިމަތިލެވޭނީ އުމުރުން 25 އަހަރުވެ، ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިނުވާ މީހުންނަށެވެ.
އޭސީސީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފޯމު ބަލައިގަންނާނީ ރަސްމީ ދުވަސް ދުވަހުގެ ހެނދުނު 8:30 އިން މެންދުރު 12:00 ގެ ނިޔަލަށް ރައީސް އޮފީހުންނެވެ.



