ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އއ. ރަސްދޫގެ ގެސްޓް ހައުސް ހިންގަވާ ފަރާތްތަކާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ރަސްދޫ އަތޮޅު ގޭގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރަސްދޫގެ ގެސްޓް ހައުސް ހިންގަވާ ފަރާތްތައް ވަނީ ރަސްދޫއާ ކައިރީގައި އޮތް ފިނޮޅު ގިރެމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ހަމާއެއާއެކު އީ.އައި.އޭ ހައްދަވައިގެން ތިމާވެއްޓަށް ގެއްލުން ނުވާނެ ގޮތަށް މި ސަރަހައްދު ނެތިދިއުމުން ހިމާޔަތްކޮށްދެއްވުމަށް އެބޭފުޅުން ރައީސް އަރިހު އެދިލެއްވިއެވެ.
މީގެ އިތުރުންވެސް ގެސްޓް ހައުސް ވިޔަފާރި ފުޅާކުރުމަށް ބޭނުންވާކަންކަން ފާހަގަކުރައްވައި މި ރަށުގެ އިޤްތިޞާދު ސަލާމަތްކުރުމަށްޓަކައި ބޭނުންވާ ކަންކަން އެ ބޭފުޅުން ޙިއްޞާކުރެއްވިއެވެ. އަދި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ބޭނުންވާކަންވެސް އެބޭފުޅުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ ރަސްދޫގެ ގެސްޓް ހައުސް ހިންގަވާ ފަރާތްތައް ފާހަގަކުރެއްވި ކަންކަން ކަމާގުޅުން ހުރި އިދާރާތަކާ މަޝްވަރާކުރެއްވުމަށްފަހު އެކަންކަން ބައްލަވާނެކަމަށެވެ. އަދި ފިނޮޅު ނެތިދިއުމުގެ މައްސަލައަށް ހައްލު ހޯދުމުގައި ތިމާވެއްޓަށް ގެއްލުން ނުވާނެ ގޮތަށް އެކަން ކުރެވޭނެ ގޮތް ބައްލަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.



