ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ދަތުރުތައް ޕާކިސްތާނަށް ފެށުމަށް ތައްޔާރުވަމުން އަންނަކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފިއެވެ.
ރައީސް މިކަން ހާމަކުރެއްވީ ޕާކިސްތާނުގެ އިސްލާމްއާބާދުގައި އިއްޔެ ބޭއްވި މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމްގައެވެ.
ރައީސް ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި ވިޔަފާރި އާއި ދަތުރުފަތުރު އިތުރަށް ފުޅާކުރުމަށްޓަކައި، މޯލްޑިވިއަން މެދުވެރިކޮށް މާލެ އާއި ޕާކިސްތާނުގެ ކަރާޗީއާ ދެމެދު ވަރަށް އަވަހަށް ސީދާ ދަތުރުތައް ފެށުމަށް އަމާޒު ހިފާފައިވާ ކަމަށެވެ. މީގެ އިތުރުން ރައީސް ޕާކިސްތާނަށް ކުރެއްވި މި ދަތުރުފުޅުގައި ސޮއިކުރި އެއްބަސްވުންތަކުގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި ވައިގެ ދަތުރުފަތުރުގެ ގުޅުން އަލުން ގާއިމުކުރުމާ ގުޅޭ މުހިންމު އެއްބަސްވުމެއް ހިމެނެއެވެ.
ޕާކިސްތާނުގެ ގައުމީ އެއާލައިން ކަމަށްވާ ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް (ޕީއައިއޭ) އިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށަން ނިންމާފައިވާކަން މިދިޔަ މަހު ވަނީ އިއުލާންކޮށްފައެވެ. އެކަން ހާމަކުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރޭގައެވެ.
މޯލްޑިވިއަނުން ޕާކިސްތާނަށް ދަތުރުތައް ފަށަން ތައްޔާރުވަމުން އަންނައިރު، މިހާރު ދަތުރުތައް ބާއްވާ ގައުމުތަކަކީ އިންޑިއާ، ބަންގްލަދޭޝް، ޗައިނާ އަދި އޮސްޓްރޭލިއާއެވެ.




