ރާއްޖޭގެ އެކި ސަރަޙައްދުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މޫސުން ރަނގަޅުވާން ފަށާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.
މެޓުން ބުނީ، މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަށް ފަހު، އާދިއްތަ ދުވަހުން ފެށިގެން މޫސުން އަލިވި ނަމަވެސް، އަންނަ އަންގާރަ ދުވަހުން ފެށިގެން އަނެއްކާވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އެގޮތުން އަންގާރަ ދުވަހުން ފެށިގެން ކުރާ ވިއްސާރައިގައި ބޯކޮށް ވާރޭވެހޭނެ ކަމަށް ނުބެލެވުނު ނަމަވެސް، ވައިގަދަވާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
މިއަދުގެ މޫސުމަށް ބަލާއިރު ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރޭގެ ސަރަޙައްދުތަކަށް ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން މަޢުލޫމާތު ދެއެވެ. އަދި އެންމެ ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހިފައިވާއިރު، އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ކުޅުދުއްފުށި ސިޓީ އަށެވެ. އެ ސިޓީއަށް 188.3 މިލިލީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ރެކޯޑުކުރެވިފައިވެއެވެ. ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހުނު ހދ. ހަނިމާދޫ އަށް 125.7 މިލިލީޓަރުގެ ވާރޭ ވެހިފައިވެއެވެ.
މީގެ އިތުރުން ކ. ދިއްފުއްޓަށް 62.4 މިލިލީޓަރު، ފ. ނިލަންދޫއަށް 59.3 މިލިލީޓަރު، ނ. މާފަރަށް 58.7 މިލިލީޓަރު އަދި ރ. އިފުރަށް 52.5 މިލިލީޓަރުގެ ވާރޭ ވެހުނު ކަމަށް ފާއިތުވި 24 ގަޑިއިރު ތެރޭގައި ވަނީ ރެކޯޑުކުރެވިފައެވެ.


