ކ. ހިންމަފުށީގައި ވެމްކޯގެ ކުނި ނެގުމުގެ ހިދުމަތްތައް މިއަދު އިފްތިތާހު ކޮށްފިއެވެ.
މި ހިދުމަތް އެރަށުގައި އިފްތިތާހު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މިމަސައްކަތް މިއަދު އިފްތިތާހު ކުރި ނަމަވެސް ހިންމަފުށީގައި ކުނި ނެގުމުގެ އަމަލީ މަސައްކަތް ފަށަނީ އަދި 10 ދުވަސް ފަހުން ކަމަށް މައުލޫމަތު ލިބިފައެވެ.
ވެމްކޯގެ ހިދުމަތް މާލޭގެ އިތުރުން އަތޮޅުތެރޭގައިވެސް މިހާރު އަންނަނީ ދެމުންނެވެ. އެގޮތުން ކުޅުދުއްފުށި ސިޓީއާއި ގދ. ތިނަދޫ ސިޓީގެ އިތުރުން ރާއްޖޭގެ ބައެއް ރިސޯޓުތަކުގައި ވެސް މިހާރު ވަނީ ވެމްކޯގެ ހިދުމަތް މިހާރު ދޭން ފަށާފައެވެ.
ކުނި މެނޭޖުކުރުމަށް ހަފްތާ-14 ގެ މަގުޗާޓުގައި ވަނީ ”މަގޭ ސާފު ރާއްޖެ“ ނަމުގައި ޤައުމީ ޕްރޮގްރާމެއް ވެސް ފަށާފައެވެ.
އެ ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ ކުނި މެނޭޖްކުރުމުގެ ފުރިހަމަ ނިޒާމްތަކެއް ގާއިމުކުރުމެވެ. އަދި ރަށުން ބޭރުކުރަން ޖެހޭ ކުނި ގެންގޮސް ތިމާވެއްޓާ ރައްޓެހިގޮތެއްގައި ނައްތާލެވޭނެ ސަރަހައްދީ މަރުކަޒުތަކެއް ތަރައްގީ ކުރުމާއި، ސަރަހައްދީ މަރުކަޒުތަކާއި ރަށްތަކާ ދެމެދު ކުނި ގެންދެވޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނެ އެވެ.



