ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފުރާނަފުޅަށް ނުރައްކަލެއްދީ، ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް ހިތްވަރުދޭފަދަ ގޮތަކަށް މާނަ ދޭހަވާ ގޮތަށް އިދިކޮޅު އެމްޑީޕީގެ އެކި ބޭފުޅުން ދެއްކިވާހަކަތައް ތަހުގީގުކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް މިއަދު ހުށަހަޅުއްވައިފިއެވެ.
މި ކުއްލި މައްސަލަ މަޖިލިހަށް ހުށަހެޅުއްވީ މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްޤާދިރުއެވެ. އަދި މަޖިލިހުގެ 44 މެންބަރުންގެ ވޯޓާއެކު މި މައްސަލަވަނީ ބަލައިގެންފައެވެ.
އެގޮތުން މި މައްސަލައަކީ ރައީސް މުޢިއްޒަށް ހަދަންޖެހޭނީ ކުރީގެ ރައީސް މުޙައްމަދު އަމީނަށް ހެދިގޮތް ކަމަށް ބުނެ ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރުދީ އެމްޑީޕީން އެކި ޕޯޑިއަމްތަކުގައި ވާހަކަދައްކާފައިވާތީ އެކަން ތަހުގީގުކުރުމަށް، އިދާރާތަކަށް ގޮވާލުމަށް ހުށަހެޅުއްވި މައްސަލައެކެވެ.
ރައްޔިތުންގެ މަޖިލީހުގައި ކުއްލި މައްސަލައެއްގެ ގޮތުގައި މިއަދު މި މައްސަލަ ނަގާފައިވާއިރު، އެމްޑީޕީގެ ޗެއާޕަރސަން ފައްޔާޒް އިސްމާއިލް ރޭގައި އެ ޕާޓީގެ ޖަލްސާއެއްގައި ވަނީ ރައީސް މުޢިއްޒުއާ ގުޅޭގޮތުން އެޕާޓީގެ މީހަކު ދެއްކި އެފަދަ ވާހަކަތަކެއް ދިފާއު ކުރައްވާފައެވެ. އެގޮތުން ރައީސް މުޢިއްޒުއަށް ރައީސް މުހައްމަދު އަމީނަށް ހެދި ގޮތް ހަދާފާނެ ކަމަށް ބުނެ އެމްޑީޕީގެ އެކްޓިވިސްޓެއް ދެއްކި ވާހަކަ ދިފާއުކޮށް ފައްޔާޒު ބުނީ ރައްޔިތުންނަށް ދެރަ ދިނީމަ ހަދަން ޖެހޭނީ ހަމަ މުޙައްމަދު އަމީންއަށް ހެދި ގޮތް ކަމަށެވެ.
ފައްޔާޒުގެ އެވާހަކަތަކާ ގުޅިގެން ގިނަ ބަޔަކު ވަނީ އޭނާއަށާއި އިދިކޮޅު އެމްޑީޕީއަށް ނުރުހުންފާޅުކޮށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ. އޭގެތެރޭގައި ރައީސް އަމީންގެ ކާފަ ދަރިކަލުން ފަރަހަނާޒް ފައިސަލް ވެސް ހިމެނިވަޑައިގެންވެއެވެ.
”މިއީ ޓެރަރިޒަމް މަނާކުރުމާބެހޭ ޤާނޫނުގައި ކަނޑައެޅިގެން ބަޔާންކުރާ ކުށުގެ އަމަލެއް ކަމަށްވާތީ މިކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށާއި މިކަންކަން ތަހުގީގުކޮށް ފިޔަވަޅުއެޅުމަށް ކަމާބެހޭ އިދާރާތަކަށް ގޮވާލައި މަޖިލީހުން މިފަދަ ގަރާރެއް ހުށަހަޅަންޖެހުނީ މިފަދަ ކަންކަން މުޖުތަމަޢުގައި ފެތުރުމަށް ދޫކޮށްލަން ބޭނުން ނުވާތީ،“ މަޖިލިހަށް މިއަދު ކުއްލި މައްސަލަ ހުށަހަޅައިދެއްވަމުން މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްޤާދިރު ވިދާޅުވިއެވެ.
މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ރިފާޢު ވިދާޅުވީ ޤާނޫނުއަސާސީގެ ދިފާއުގައި އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ މުޅި ޤައުމު ހަލަބޮލިކުރުމަށް ކަމަށެވެ. އަދި ރައީސް މުޢިއްޒުގެ ހަށިކޮޅަށް ގެއްލުންދިނުމަށް ދެކެވޭ ވާހަކަތައް ބަލައި ނުގަނެވޭނެ ކަމަށާއި އެފަދަ ވާހަކަތައް ދައްކާ ފަރާތްތައް ހައްޔަރުކޮށް ތަހުގީގުކުރުމަށް ރިފާއު ގޮވާލެއްވިއެވެ.




