ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދިފާޢުގައި ނިކުންނާނެ ދިވެހި ރައްޔިތުން މާ ގިނަވާނެ ކަމަށް އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ވަޖީހު ވިދާޅުވީ ވަކި ފަރުދަކު ނުވަތަ ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވިއަސް ރައީސް އަށް އިންޒާރުދީ ބިރުދެއްކުމަށް ޖާގަދީގެން ނުވާނެ ކަމަށެވެ.
ވަޖީހު އިޝާރާތް ކުރައްވާފައި ވަނީ އިދިކޮޅު، ރައްޔިތުންނަށް ދެރައެއްދީފިނަމަ ރައީސް މުޢިއްޒު އަށްވެސް ހަދަންޖެހޭނީ ކުރީގެ ރައީސް މުހައްމަދު އަމީން ދީދީ އަށް ހެދިހެން ކަމަށް މާނަދޭހަވާފަދަ ގޮތަކަށް އިދިކޮޅު އެމްޑީޕީގެ ބައެއް މެންބަރުން ބުނަމުންއަންނަ ވާހަކައަށް އިޝާރާތް ކުރައްވަމުންނެވެ.
”ރައީސް އަކީ އެކަނި ހުންނެވި ބޭފުޅެއްނޫން، އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީ ބޮޑު ސިންގާ ޕާޓީއެއްގެ ވެރިއެއްގެ ގޮތުގައި، އެމަނިކުފާނު ދިފާޢުކުރަން އެމަނިކުފާނު ވެރިކަމަށް ގެނައި ރައްޔިތުން ތިބޭނެ،“ އެމްޕީއެލްގެ ސީއީއޯ ވަޖީހު ވިދާޅުވިއެވެ.
ރާއްޖޭގެ ތާރީހަށް ބަލާއިރު، ދުންފަތް މަނާކުރުމުގެ ސަބަބުން ރައްޔިތުން އިންތިހާއަށް ރުޅިއައިސްގެން ކުރީގެ ރައީސް މުހައްމަދު އަމީން ދީދީއަށް ކުރި ރަހުމް ކުޑަ އަނިޔާ ފެށުނީ އޮގަސްޓް 1953 ގައި ސިފައިންގެ އަނބުގަސްދޮށުގައި އެވެ. ކޮޅުނބުން ރާއްޖެ އައުމުން ސީދާ އެއަރޕޯޓުން ދޫނިދޫއަށް ގެންދިޔައީ އެމަނިކުފާނުގެ ރައްކަލަށް ކަމަށް ބުނެފައެވެ. އެއިރުގެ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި އެމަނިކުފާނު މާލެ އައުން މިހާރު ރަނގަޅޭ ކިޔާފައި އެއާޕޯޓުން ފަހުން މާލެ ގެނައީއެވެ.
އާންމުންގެ ގިނަ ބަޔަކު ގޮސް ރައިސް އަމީނަށް އަނިޔާކުރަން ފެށީ ސިފައިންގޭގައި ހުއްޓައި ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ. އެވަގުތު ރައީސްގެ އަތުގައި އޮތީ ބިޑިއަޅުވާފައި އެވެ. އަދި ކުރަމުން ގެންދިޔަ އަނިޔާ ހުއްޓުވަން ސިފައިން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ.
މީގެއިތުރުން ގުޅަކުޅޭ ފަސްގަނޑުގައި އެތައް އިރެއް ވަންދެން ރަހުމްކުޑަކޮށް ރައީސަށް ތަޅާ އަނިޔާކުރި ކަމަށާއި އެމަނިކުފާނުގެ ބޮލުންނާއި ހަށިގަނޑުގެ އެތަން މިތަނުން ލޭ އަންނަވަރު ވެސް އެމީހުން ކުރިކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ. އަދި އެމަނިކުފާނަށް އަނިޔާކޮށްފައި މާލެ ފަޅުގައި އޮތް ބައްތެއްޔަކަށް އެއްލާލި ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.
ހަމައެދުވަހު ފަށްޖެހި އެނދެއްގައި ބޮޑު ބަނޑޭރިގެއަށް ރައީސް މުހައްމަދު އަމީން ގެންދިޔަ އެވެ. އަދި ވަގުތުން ވަގުތަށް ތަހުގީގު ނިންމި އެވެ. ޝަރީއަތް ނިމިގެން ދިޔައީ އެމަނިކުފާން ”ކުށަށް އިއުތިރާފް“ ވުމުންނެވެ. އަދި އިއުތިރާފްވުމުން ކ. ގާފަރަށް އެމަނިކުފާނު އަރުވާލި އެވެ. ނަމަވެސް ހާލަތު ގޯސްވުމުގެ ސަބަބުން ވިހަމަނާފުއްޓަށް ބަދަލުކުރި އެވެ. އެއީ މިހާރުގެ ކުރުނބާ މޯލްޑިވްސް ރިސޯޓެވެ.
ތާރީހާ ގުލޭގޮތުން ދެކެވޭ ވާހަކަތަކުން ހާމަވެގެން ގޮސްފައިވަނީ ރައީސް އަމީން ދީދީ އެހާލަތުގައި އޮތް އިރުވެސް އެއްވެސް ސިއްހީ ފަރުވާއެއް ދީފައި ނުވާ ކަމެވެ. އަދި ރައީސް އަމީން އަވަހާރަވެގެން ދިޔައީ އެރަށުގައި، ޒަހަމްތަކަށް ފަރުވާ ނުލިބުމުގެ ސަބަބުން ހާލަތު ގޯސްވުމުން ކަމަށް ވެސް ތާރީހީ ރިޕޯޓުތަކުގައި ބުނެފައިވެއެވެ.



