މަސްތުގެ ހާލަތުގައި ހުރެ ފުލުހަކަށް އިންޒާރުދިން މީހާއަށް، އޭނާގެ ބަންދުގައި ހުރި ދުވަސްކޮޅު ފުލުހުން އަނިޔާ ކުރިކަމުގެ އެއްވެސް ޝަކުވާއެއް ލިބިފައި ނުވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ހއ. ހޯރަފުށިން ހައްޔަރު ކުރި އުމުރުން 30 އަހަރުގެ ފިރިހެނަކަށް ފުލުހުން ޖިސްމާނީ އަދި ނަފްސާނީ ގޮތުން އަނިޔާކުރި ކަމަށް ބުނެ މީސްމީޑިއާގައި ވަނީ ވީޑިއޯއެއް ދައުރުވެފައެވެ.
އެ ވީޑިއޯއާ ގުޅޭގޮތުން މީޑިއާތަކުން ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މަސްތުގެ ހާލަތުގައި ހުރެ ފުލުހަކަށް އިންޒާރުދީ، ބިރުދައްކައި އަދި ހަޑިހުތުރުބަހުން މުއާމަލާތް ކުރިކަމުގެ ތުހުމަތުގައި މިދިޔަ މަހު 27 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި އުމުރުން 30 އަހަރުގެ ފިރިހެނަކު ހޯރަފުށިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ކޯޓަށް ހާޒިރު ކުރުމުން ޝަރުތުތަކަކާއެކު ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މިމައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހާއަށް ފުލުހުންގެ ބަންދުގައި ހުރިއިރު އަނިޔާކުރި ކަމުގެ އެއްވެސް ޝަކުވާއެއް ފުލުހުންނަށް މިހާތަނަށް ލިބިފައި ނުވާ ކަމަށާއި އެފަދަ ކަމެއްގެ ޝަކުވާއެއް އޮތްނަމަ އޮންނަ އުސޫލުގެ ތެރެއިން ހުށަހަޅައިގެން ބެލުމަކީ ފުލުހުން ބާރު އަޅައި ކަމެއް ކަމުގައި ވެސް ފުލުހުން ވިދާޅުވިއެވެ. އެފަދަ ތަހުގީގުތަކަށް ފުލުހުން ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.



