މި ސަރުކާރުގެ އަމާޒަކީ އެންމެންވެސް ޝާމިލުވާ، ހަމަހަމަ އިންސާފުވެރި ޑިމޮކްރެސީއެއް ބިނާކުރުން ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހާ ގުޅިގެން ”އެކްސް“ މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ރައީސް ވިދާޅުވީ އިންސާނީ ހައްޤުތަކުގެ ދުވަސް ފާހަގަކުރާއިރު، ހަނދާންކުރަންވީ އެކަކު އަނެކަކުގެ ޙައްޤު ގުޅިލާމެހިފައިވާކަން ކަމަށާއި އެގޮތުން ތިމާގެ ހައްޤުތައް ރައްކާތެރިކުރުމަށްޓަކައި އެހެން މީހުންގެ ޙައްޤުތަކުގެ ދިފާޢުގައި ތެދުވުމަކީ ވަރަށް މުހިންމުކަމެއް ކަމަށެވެ. އަދި މީގެ 75 އަހަރު ކުރިން ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހެއް ފާހަގަކުރަންފެށީވެސް މި އަސާސްގެ މަތިންކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
”ސަރުކާރުގެ އަމާޒަކީ ކަރާމަތްތެރި، ހަމަހަމަ އިންސާފުވެރި ޑިމޮކްރަސީއެއް ބިނާކުރުން. އަދި އެންމެންވެސް ޝާމިލުވާ، އަމާން މުޖުތަމަޢެއް ބިނާކުރުމަށް ސިޔާސަތުތައް ހަރުދަނާކޮށް ޤާނޫނުތައް ތަންފީޒްކުރުމުގެ މަސައްކަތް އަޅުގަނޑުމެން މިދަނީ ކުރަމުން. މީގެ ސަބަބުން ކޮންމެ ދިވެހި ރައްޔިތަކަށްވެސް އަސާސީ ޙައްޤުތައްކަމަށްވާ ޞިއްޙީ ފަރުވާއާއި، ތަޢުލީމާއި، އިންސާފު ލިބިދެވޭކަން ކަށަވަރުކުރެވޭނެ“ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް މުޢިއްޒު ވަނީ ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށް، މަސައްކަތްތެރިންގެ ހައްޤުތައް ޙިމާޔަތްކޮށްދީ، މިންތީގެ ހަމަހަމަކަން ޤާއިމްކުރުމުގައި މިސަރުކާރުން ދެމިއޮންނާނެކަމުގެ ޔަޤީންކަން ވެސް އެ ޕޯސްޓުގައި ދެއްވާފައެވެ.
ބައިނަލްއަގުވާމީ ގޮތުން އިންސާނީޙައްޤުތަކުގެ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހެވެ.



