އިދިކޮޅު އެމްޑީޕީން ރެގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޗެއާޕަރސަން ފައްޔާޒް އިސްމާއިލް ދެއްކެވި ވާހަކަ ސަރުކާރުގެ އެކްޓިވިސްޓުން ފަރުރާފައިވަނީ އޮޅުވާލައިގެން ކަމަށައި އެއްވެސް އަނިޔާއާއި ހަމަނުޖެހުމަކަށް ހިތްވަރުދޭ ގޮތަކަށް ވާހަކަ ނުދައްކަވާ ކަމުގައި އޭނާ ވިދާޅުވެއްޖެއެވެ.
ހދ. ކުޅުދުއްފުށީގައި ދާދި ފަހުން އެމްޑީޕީގެ ފަރާތުން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދެއްކި އެޕާޓީގެ މެންބަރަކު ވަނީ ދުންފަތާ ”ކުޅެފިނަމަ“ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާމެދު ކުރީގެ ރައީސް މުޙައްމަދު އަމީން ދީދީއަށް ހެދިހެން ހަދާފާނެ ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކާފައެވެ.
އެކަމާ ގުޅިގެން ފައްޔާޒު ރޭގެ ބައްދަލުވުމުގައި ވިދާޅުވެފައިވަނީ ’އަނިޔާވެރިވެއްޖެ ނަމަ އަނެއް ބަޔަކު އަނިޔާވެރިވާނެ‘ ކަމަށް؛ އަދި އަނިޔާވެރިވާ ނަމަ، ތާރީހުގެ ފޮތްތަކުން ރާއްޖޭގެ ރައްޔިތުން ’ކުޅޭނެ‘ ކަމަށެވެ.
ރޭގައި ދެއްކެވި ވާހަކަތަކާ ގުޅިގެން ފައްޔާޒު އަށާއި އެމްޑީޕީއަށް ގިނަ ބައެއްގެ ނުރުހުން އަމާޒުވުމުން، ރާއްޖެޓީވީން ލައިވްކޮށް މިއަދު ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ އޭނާގެ ވާހަކަތަށް ސަރުކާރަށް ތާއީދުކުރާ އެކްޓިވިސްޓުން ފަތުރާފައިވަނީ ވަރަށް ބޮޑަށް އޮޅުވާލައިގެން ކަމަށެވެ.
”އެވާހަކަތަށް އޮޅުވާލައިގެން ފެތުރުމުގެ ބެނުމަކީ މިރޭ ބާއްވާ ޖަލްސާއަށް ދާނެ މީހުން މަދުކުރެވޭތޯ ބެލުން. އެކަމަކު ލްސާގެ ތެރެއިން އެއްވެސް ހަމަނުޖެހުމެއް ނުހިންގާނަން. އަޅުގަނޑުމެން މި އުޅެނީ ސުލްހަވެރިކަމާ އެކު ވަރަށް އުފާވެރި މާހައުލެއްގައި ޝުއޫރު ފާޅުކުރަން،“ ފައްޔާޒު ވިދާޅުވި އެވެ.
މީގެއިތުރުން ފައްޔާޒު ވިދާޅުވީ މިދިޔަ އެއް އަހަރު ދުވަހު ތެރޭގައި އެމްޑީޕީން އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގާ ތިބީ ސަރުކާރަށް ފުރުސަތު ދޭން ކަމަށެވެ. ނަމަވެސް ރައްޔިތުންގެ ހައްޤުތައް ހަނިވާނެ ފަދައިން ޤާނޫނުތައް ބަދަލު ކުރުމުން ދެން ހިމޭނުން ނުތިބެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.




