ރައްޔިތުންގެ މަޖިލިހުގެ މެންބަރުން އަމަލު ކުރަންވާނީ ގައުމުގެ މަސްލަހަތާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދީގެން ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށާއި އެއްވެސް މެންބަރަކު ނުވަތަ އެ މެންބަރެއްގެ ހާއްސަ ގުޅުމެއް އޮންނަ މީހެއްގެ ޒާތީ މަސްލަހަތެއް ކުރިއެރުވުމަށް މަގާމުގެ ބޭނުން ކޮށްގެން ނުވާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
”ޤާނޫނު އަސާސީގެ ދިފާޢުގައި“ ގެ ނަމުގައި އެމްޑީޕީގެ ފަރާތުން އާޓިފިޝަލް ބީޗު ސަރަހައްދުގައި ރޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ ޤާނޫނު އަސާސީގައި މިފަދައިން ބަޔާންކޮށްފައިވީނަމަވެސް މި ސަރުކާރުން ޤާނޫނު އަސާސީއަށް މިހާރު ގެނެސްފައިވާ ބަދަލާއެކު މެންބަރުންނަށް އެގޮތަށް މަސައްކަތް ނުކުރެވޭނެ ކަމަށެވެ.
ރައީސް ޞާލިޙު ވިދާޅުވީ، އެގޮތުން ޤާނޫނު އަސާސީގައި އޮވެވޭނީ އެތަނުން ކޮންމެވެސް އެއް މާއްދާއަކަށް ކަމަށް އެމަނިކުފާނަށް ޤަބޫލުކުރެވޭ ކަމަށާއި ރައްޔިތުންގެ ލާބަޔާއި މަންފާ އާއި ގައުމީ މަސްލަހަތު އިސްކޮށްގެން މަސައްކަތް ކުރާނީތޯ ނުވަތަ ޕާޓީން ބުނާ ގޮތަށް މަސައްކަތް ކުރާނީތޯ މެންބަރުންނަށް މިހާރު އިހުތިޔާރު ކުރަން ޖެހިފައިވާ ކަމަށެވެ.
”މި ދެ މާއްދާއަށް އެއް ތަނެއްގައި އޮވެވިދާނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. އަޅުގަނޑު ހިތުން ސުޕްރީމް ކޯޓުން މިޔާ ދޭތެރޭގައި ރަނގަޅު ނިންމުމެއް، ރައްޔިތުންގެ ބާރުވެރިކަމުގައި އޮންނާނެ ގޮތަކަށް، ސުޕްރީމް ކޯޓުން ނިންމާނެ ކަމަށް އަޅުގަނޑު އުންމީދުކުރަނީ“ ރައީސް ޞާލިޙް ވިދާޅުވިއެވެ.
ސަރުކާރުގެ ފަރާތުން ޤާނޫނު އަސާސިއަށް ގެނައި އިސްލާހު ބާތިލު ކުރުމަށް އިދިކޮޅުގެ ފަރާތުން އަލީ ހުސެއިން މިހާރު ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ. އަދި އެ މައްސަލަ އެކޯޓުން ވަނީ ބަލައިވެސް ގަނެފައެވެ.




