މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ބޭފުޅުންނާއެކު ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން މިއަދު ބޭއްވި ބޭރު ފައިސާއާބެހޭ ބިލުގެ ބައްދަލުވުން ސިއްރުކޮށްފިއެވެ.
މަޓީގެ ބޭފުޅުންނާއެކު ބޭއްވޭ މި ބައްދަލުވުން މާލިއްޔަތު ކޮމިޓީން އެޖެންޑާ ކޮށްފައިވަނީ މިއަދު ހެނދުނު 10:30 އަށެވެ. އެގޮތުން ބައްދަލުވުން ފެށުމުން އެ ކޮމިޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލިހުގެ އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ އެ ބައްދަލުވުން ސިއްރުކޮށްދިނުމަށް މަޓީ އިން އެދިފައިވާ ކަމަށެވެ.
އެހެންކަމުން ބައްދަލުވުން ސިއްރު ކުރުމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ހުށަހަޅުއްވާ އެ ހުށަހެޅުއްވުމަށް ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ތާއީދުކުރެއްވި އެވެ.
މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ބޭރު ފައިސާ އާ ބެހޭ ބިލުގެ ސުންގަޑި ހަވީރު 6:00 އާ ހަމައަށް ކަނޑައަޅައި ބިލު ދިރާސާ މަސައްކަތް މިއަދު ނިންމުމަށް ވަނީ ފާސްކޮށްފައެވެ.
ބިލު ހުށަހެޅުމުގެ ބޭނުމެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ރާއްޖޭގައި ބޭރު ފައިސާއިން ކުރެވޭނެ މުއާމަލާތްތައް ކަނޑައަޅާ, ބޭރު ފައިސާ ރާއްޖެއަށް އެތެރެކުރުމާއި ބޭރުކުރުމާއި ގެންގުޅުމާއި ޖަމާކުރުމާއި މާރުކުރުމާ ބެހޭ އުސޫލުތަކާއި އެނޫންވެސް ބޭރު ފައިސާާ އާއި ބޭރު ފައިސާ އާ ބެހޭ މުއާމަލާތްތަކާ ގުޅޭ ހަމަތަކާއި އުސޫލުތައް ކަނޑައަޅައި ހިންގުމަށް ބޭނުންވާނޭ ކަމާ ބެހޭ ހަރުދަނާ އޮނިގަނޑެއް އެކުލަވާލުމެވެ.



