އިންޑިއާގެ މަޝްހޫރު ތެލުގޫ އެކްޓަރު އައްލޫ އަރްޖުން މިއަދު ހައްޔަރުކޮށްފިއެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ މިމަހުގެ 4 ވަނަ ދުވަހު ހައިދަރަބާދުގައި އޭނާގެ އެންމެ ފަހުގެ ފިލްމު ”ޕުޝްޕާ 2: ދަ ރޫލް“ ގެ ސްކްރީނިންގ އަކަށް އައްލޫ އަރްޖުން ޙާޟިރުވުމާ ގުޅިގެން، އޭނާ ދެކެން ބޭނުންވެގެން އެއްވި ގިނަ ބައެއް ތޮއްޖެހި އެތަނުގައި 30 އަހަރުގެ އުމުރުފުރައިގެ އަންހެނަކު މަރުވުމާއި ގުޅިގެންނެވެ.
ފުލުހުންގެ އޮފިސަރަކާއި ހަވާލާދީ އިންޑިއާގެ ނޫހެއްކަމަށްވާ އޭއެފްޕީ ނިއުސް ސަރވިސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، 42 އަހަރުގެ މި އެކްޓަރު ހައްޔަރުކޮށްފައިވަނީ ތިން ކުށެއްގެ ތުހުމަތުގައެވެ. އޭގެ ތެރޭގައި ނުރައްކާތެރި ހަތިޔާރެއް ނުވަތަ ވަސީލަތެއް ބޭނުންކޮށްގެން ގަސްތުގައި އަނިޔާކުރުން ހިމެނެއެވެ. އައްލޫ އަރްޖުންގެ އިތުރުން މި މައްސަލައާ ގުޅިގެން އިތުރު 7 މީހުން ވެސް ހައްޔަރުކޮށްފައިވާ ކަމަށް އެ ފުލުހުން ބުނެފައިވެއެވެ.
މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއްގައި އައްލޫ އަރްޖުން އޭނާގެ ގޭގައި ކޮފީ މަގެއް ހިފައިގެން ހުރެ، އޭނާ ހައްޔަރުކުރަން އައި އޮފިސަރުންނާ ވާހަކަދައްކަމުންދާ މަންޒަރު ފެނިގެންދެއެވެ.
މި ހާދިސާއާ ގުޅިގެން އިތުރު ތަޙްޤީޤުތައް ކުރިއަށްދާ ކަމަށް ފުލުހުން ބުނެފައިވާއިރު، އައްލޫ އަރްޖުންގެ ފަރާތުން މިހާތަނަށް އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ.
ޑިސެމްބަރު 4 ގައި ތޮއްޖެހުމުގެ ސަބަބުން ހިނގާދިޔަ މިހާދިސާގައި އަންހެނަކު މަރުވެފައިވާއިރު، އޭނާ އެ ސްކްރީނިންގއަށް ގޮސްފައިވާ އޭނާގެ ދަރިފުޅަށްވެސް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ.
އިންޑިއާ ޓުޑޭ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މަރުވި އަންހެން މީހާގެ ޢާއިލާއިން ފަހުން އަރްޖުންއާއި، އޭނާގެ ސެކިއުރިޓީ ޓީމާއި، އަދި ވެނިއު މެނޭޖްމަންޓާ ދެކޮޅަށް ވަނީ ޕޮލިހުންނަށް ޝަކުވާ ހުށަހަޅާފައިވެއެވެ.
މި ހާދިސާ ހިނގިތާ ދެ ދުވަސް ފަހުން އަރްޖުން ބުނެފައިވަނީ މިހާދިސާ ހިނގާދިޔުމުން އޭނާ ވަރަށް ބޮޑަށް ހިތާމަކުރާ ކަމަށެވެ.
”އެ މީހުންނަށް ހިތާމަކުރަން ޖާގަ ބޭނުންވާނެކަން އަހަރެން ޤަބޫލުކުރަމެވެ. އަދި މި އުނދަގޫ ދަތުރުގައި އެ މީހުންނަށް އެހީތެރިވެވޭނެ ހުރިހާ ގޮތަކުން އެހީތެރިވާން ތައްޔާރަށް ހުރި ކަމަށް އަހަރެން ޔަޤީންކަން އަރުވަމެވެ،“ އޭނާ އެކްސްގައި ލިޔެފައިވެއެވެ.
އަރްޖުންއަކީ ދެކުނު އިންޑިއާގައި ވަރަށް މަޤްބޫލު އެކްޓަރެކެވެ. 2021 ވަނަ އަހަރު ރިލީޒްކޮށްފައިވާ ޕުޝްޕާ ފިލްމު ފްރެންޗައިޒްއިން އޭނާއަށް ބޮޑެތި ކާމިޔާބީތަކެއް ލިބިފައިވާއިރު، މި ފިލްމުގައި އޭނާ ކުޅުނު ރޯލްއަށް އިންޑިއާގެ ނޭޝަނަލް ފިލްމް އެވޯޑްސްގައި އެންމެ މޮޅު އެކްޓަރުގެ އެވޯޑު ވެސް ވަނީ އޭނާއަށް ލިބިފައެވެ.




