މިމަހުގެ 11 ވަނަ ދުވަހުގެ ރޭ އިހުތިޖާޖުކުރި ޓެކްސީ ޑްރައިވަރުންގެ ތެރެއިން، ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އެޅުމުގެ މައްސަލައެއްގައި ކޯޓު އަމުރެއްގެ ދަށުން އިތުރު މީހަކު ހައްޔަރު ކޮށްފިއެވެ.
މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި މާލެ ސަރަހައްދުގައި ޓެކްސީގެ ހިދުމަތްތައް ދިނުމަށްޓަކައި، ޓެކްސީ ކުރުމުގެ ހިދުމަތްތައް ސަރުކާރުގެ ކުންފުންޏަކާ ހަވާލު ކުރުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަނުން ނިންމުމާ ގުޅިގެން ގިނަ ޓެކްސީ ޑްރައިވަރުންތަކެއް ވަނީ އެކަމާ ނުރުހުން ފާޅުކޮށް އިހުތިޖާޖު ކޮށްފައެވެ. އަދި މި މައްސަލައިގައި ތިން މީހަކު މީގެ ކުރިން ފުލުހުން ވަނީ ހައްޔަރު ވެސް ކޮށްފައެވެ.
އެގޮތުން މީގެކުރިން މި މައްސަލައިގައި ފުލުހުން ހައްޔަރު ކުރީ މއ. ވިރާހު، މުހައްމަދު ޝާމިން އާއި ލ. ދަނބިދޫ ސަންރޭ، އަހުމަދު ޝަބީން އަދި ހދ. ކުމުންދޫ ހޮލިޑޭވިލެޖް، ނުއުމާން އަހުމަދެވެ. އެމީހުންގެ ތެރެއިން މީގެތެރެއިން ނުއުމާން ބަންދުން ދޫކޮށްލަން އަދި މުހައްމަދު ޝާމިނާއި އަހްމަދު ޝަބީން ފަސް ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް ކޯޓުން ވަނީ އެއިރު އަމުރުކޮށްފައިވެއެވެ.
މިމައްސަލަ އާއި ގުޅިގެން ޝާމިން އާއި ޝަބީން ހައްޔަރުކޮށް ބަންދުގައި ބެހެއްޓި މައްސަލަ ހައިކޯޓަށް ހުށަހަޅައި، އެމީހުންގެ ގާނޫނީ ވަކީލުންގެ ޓީމުން މި މަހުގެ 12 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައިގައި ޤާނޫނީ ވަކީލު އަލްއުސްތާޛު އައިކު އަހުމަދު އީސާ ވިދާޅުވީ، އެހާ ގިނަ ދުވަހު އެމީހުން ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ފުލުހުންގެ އަތުގައި އޮތް ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، މި މައްސަލައާ ގުޅިގެން އިތުރު މީހަކު އިއްޔެ ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެގޮތުން ކޯޓު އަމުރެއްގެދަށުން ފުލުހުން ހައްޔަރު ކޮށްފައިވަނީ މާލެ، މއ. ނަހީދީމަންޒިލު މިސްބާހް ޝަރީފު (31އ.) އެވެ. އޭނާ ހައްޔަރު ކުރީ ފުލުހުންގެ ދައުރުއަދާ ކުރުމަށް ހުރަސް އެޅުމުގެ އިތުރުން އާންމު ދަތުރުފަތުރަށް ހުރަސް އަޅައި މަގު ބްލޮކު ކުރިކަމުގެ މައްސަލައިގައެވެ.




