މާލެ ސަރަހައްދަށް ކުރަމުންދާ ބޯ ވިއްސާރައިގައި މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފްއިން ފަށައިފިއެވެ.
އެމްއެންޑީއެފްއިން ބުނީ ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމަށާއި ގެތަކަށް ފެންވަނުން ހުއްޓުވުމަށް ވެލި ބަސްތާ ޖެހުމުގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސް އަދި މާލޭ އޭރިއާ ކޮމާންޑުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ މި އޮޕަރޭޝަނަކީ އެ އޮތޯރިޓީއާއި، އެމްއެންޑީއެފް، ފުލުހުން، މޯލްޑިވިއަން ރެޑް ކްރެސެންޓް، އެމްޓީސީސީ، މާލެ ސިޓީ ކައުންސިލް އަދި އެޗްޑީސީ ގުޅިގެން ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ.

ފުލުހުން ބުނީ މޫސުން ގޯސްވެ ބޯކޮށް ވާރޭވެހުމުގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެ ގެދޮރަށާއި މުދަލަށް ގެއްލުންވަމުންދާތީ، ހުރިހާ ރައްޔިތުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކުރާ ކަމަށެވެ.
ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެ، އަރަބި ކަނޑާއި ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން ބޯ ވިއްސާރަ ވިލާތައް ރާއްޖޭގެ ސަރަހައްދަށް އަރަމުންދާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ވަނީ ބުނެފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭއިރު، މިހާރު ވެސް ވަނީ މާލެ ސަރަހައްދަށް އޮރެންޖް އެލާޓް ނެރެފައެވެ.




