ދުންފަތް ކޮންޓްރޯލު ކުރުމާބެހޭ ޤާނޫނަށް ގެނެސްފައިވާ ހަރުކަށި އިސްލާހުގެ ދަށުން މާދަމާއިން ފެށިގެން ރާއްޖޭގައި ވޭޕް ބޭނުން ކުރުމާއި، ގެންގުޅުމާއި އަދި ވިއްކުން ވެސް ޤާނޫނީ ގޮތުން މަނާ ވާނެއެވެ. އަދި މާދަމާއިން ފެށިގެން މިފަދަ އަމަލެއް ކޮށްފި މީހަކު އޮންނަ އުސޫލުގެ މަތިން ޖޫރިމަނާ ވެސް ކުރަން ފަށާނެއެވެ.
ރާއްޖޭގައި ވޭޕް ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރުން މަނާކޮށް، ދުންފަތުގެ ވިޔަފާރި ކުރެވޭނެ އެންމެ ހަގު އުމުރަކީ 21 އަހަރު ކަމަށް ކަނޑައެޅުމަށް ދުންފަތް ކޮންޓްރޯލް ކުރުމާއި ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު ތަސްދިގު ކުރައްވާފައެވެ.
އެ އިސްލާހުގެ ދަށުން ރާއްޖެއަށް ވޭޕްއާއި އެއާ ގުޅޭ އާލާތްތައް އެތެރެ ކުރުން ވަނީ ނޮވެމްބަރު މަހުގެ 15 އިން ފެށިގެން މަނާވެފައެވެ. އަދި ޑިސެމްބަރު މަހުގެ 15 ގެ ފަހުން ވޭޕްއާއި އޭގެ އާލާތްތައް ވިއްކުމާއި ބޭނުންކުރުން ވެސް ވަނީ މަނާ ކޮށްފައެވެ.
މި ޤާނޫނާ ޚިލާފުވެއްޖެނަމަ ޚިލާފުވާ ފަރާތްތަކުން ބޮޑު އަދަދަކުން ޖޫރިމަނާ ކުރުމަށް ވެސް ރައީސް މުޢިއްޒު އިސްނަންގަވައިގެން ހުށަހެޅުއްވި މި ޤާނޫނީ އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.
އެގޮތުން ވޭޕާއި ވޭޕް ކުރަން ބޭނުން ކުރާ ތަކެތި ރާއްޖެއަށް އެތެރެ ކޮށްފިނަމަ، އެތެރެ ކުރި މީހަކު 50،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށާއި، އެތެރެ ކުރާ ކޮންމެ ވޭޕަކަށް އިތުރު 10،000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރުމުގެ އިތުރުން، ރާއްޖޭގައި ވޭޕް ވިއްކާ ކޮންމެ މީހަކު 20،000 ރުފިޔާގެ ޖޫރިމަނާ ކުރުމަށާއި އަދި ވިއްކި ކޮންމެ ވޭޕަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރުން ހިމެނެއެވެ.
މީގެއިތުރުން ހިލޭ މީހަކަށް ވޭޕެއް ދީފިނަމަ، އެމީހަކަށް 10،000 ރުފިޔާގެ ޖޫރިމަނާއެއް އައުމުގެ އިތުރުން ވޭޕް ބޭނުން ކުރާ މީހަކު 5،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވެސް މިހާރު ޤާނޫނަށް ގެނައި އިސްލާހުގައި ހިމަނާފައިވެއެވެ.



