ރައްޔިތުންނާ ގުޅުންހުރި ހައުސިންގްގެ އެއްވެސް ލިޔެކިޔުމެއް ގެއްލިފައި ނުވާކަމުގެ ޔަގީންކަން ސަރުކާރުގެ ފަރާތުން މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޢަބްދުﷲ މުއްޠަލިބު ދެއްވައިފިއެވެ.
މިމަހުގެ 12 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްްގައި ހައުސިންގް މިނިސްޓްރީއާއި، ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރަމަންޓު މިނިސްޓްރީގައި ރޯވެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ މުއްޠަލިބު ވިދާޅުވީ ބައެއް ޑޭޓާތައް މިނިސްޓްރީތަކުން ގެއްލިފައިވާކަމުގެ ވާހަކަތައް ވަރަށް ބޮޑަށް ފެތުރިގެންދާ ކަމަށެވެ.
އެހެންނަމަވެސް މިހާތަނަށް ބެލިބެލުމުން، ފުދޭވަރަކަށް ދައުލަތުގެ އިދާރާތަކުގެ ޑޭޓާތައް އެބަހުރި ކަމަށާއި އެތަކެތީގެ ބެކަޕްވެސް ހުރި ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ވިދާޅުވިއެވެ.
”އަޅުގަނޑުމެން ބަލަމުން އެސެސް ކުރަމުން މިދަނީ އަޅުގަނޑުމެންގެ އަތުން މަދުވެގެން ދާނީ ކޮން އެއްޗެއްތޯ. އޭގެ ތެރޭގައި ރައްޔިތުންނާ ސީދާ ގުޅުންހުރި ކަންތައްތަކަށް ބަލާއިރު ހައުސިންގްއާ ގުޅުންހުރި އެއްވެސް މައުލޫމާތެއް ގެއްލިފައިނުވާ ކަމަަށާ އެއެއްޗެހި މިހާރުވެސް އެބަހުރި ކަމަށް އަޅުގަނޑަށް ޔަގީން ކުރެވޭ“ މިނިސްޓަރ މުއްޠަލިބު ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރ ވިދާޅުވީ ލޯނު އެޕްލިކޭޝަންތަކުގެ އައު އެޕްލިކޭޝަންތަކާއި ޑޭޓާތަކާއި ފޯމުތައް ވެސް ގެއްލިފައި ނުވާ ކަމަށާއި ކްލައުޑުގައި ހުރިކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވެސް ވިދާޅުވިއެވެ.



